ޚަބަރު

ހުނަރުވެރި އެތައް ޙަރަކާތްތަކާއިއެކު ހެވިކަމާއި ކުޅިވަރުތައް މިރޭ


މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ހެވިކަމާއި ކުޅިވަރުތައް މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަވާނެއެވެ.

ހޯމް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިއަހަރުގެ ކުޅިވަރުތައްވެސް ކުރިއަށް ގެންދަވާނީ މިދިޔަ އަހަރުވެސް ކުރިއަށް ގެންދެވި ގޮތަށެވެ.

މިއަހަރުގެ ކުޅިވަރުތަކުގެ ތެރޭގައި، 9 ސްކޫލަކުން 600 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދާ 45 މިނިޓްގެ އައިޓަމެއް ހިމެނޭނެކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ. މީގެއިތުރުން 120 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުރިއަށްގެންދާ ބޮޑުބެރުގެ އައިޓަމަކާއި، ލަވައިގެ އައިޓަމްތައްވެސް ހިމެނިފައިވެއެވެ. އަދި އެމްއެންޑީއެފާއި، ކެޑޭޓް ކޯގެ ބޭންޑުގެ ޙަރަކާތެއް މިރޭ އޮންނާނެކަމަށް ހޯމް މިނިސްޓްރީން މަޢުލުމާތުދެއްވައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކުގެ ޑްރެސް ރިޙާސަލް ރޭ ވަނީ ކުރިއަށްގެންގޮސްފައެވެ. ރަސްމީ ކުޅިވަރުތައް ފަށްޓަވާނީ މިރޭ 9 ޖަހާއިރު ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ކުޅިވަރުތައް ބަލާލުމަށް ދަޢުވަތު އެރުވިފައިވާ ބޭފުޅުން ގަލޮޅު ރަސްމީ ދަނޑަށް ވެދެވަޑައިގަތުން މިރޭ އިރުއޮއްސި ހަތަކުން ފެށިގެން އޮންނާނެ ކަމަށާއި، 8:45ގައި ދަނޑުގެ ގޭޓްތައް ބަންދުކުރައްވާނެ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ. އެހެންކަމުން ދަޢުވަތު އެރުވިފައިވާ ބޭފުޅުން ގަޑިއަށް ވަޑައިގެންނެވުމަށް ސަމާލުކަން ދެއްވުމަށް އެމިނިސްޓްރީން އެދިވަޑައިގަންނަވައެވެ.