ކުޅިވަރު

ގައުމީ ނެޓްބޯޅަ ޓީމް ތައިލެންޑްއަށް ފުރައިފި


10ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ގައުމީ ނެޓްބޯޅަ ޓީމް މިއަދު ތައިލެންޑަށް ފުރައިފިއެވެ. 

މިމުބާރާތަށް ގައުމީ ނެޓްބޯޅަ ޓީމް ރާއްޖެއިން ފުރާފައިވަނީ 12 ކުޅުންތެރިންނާ 5 އޮފިޝަލުންނާއެކުއެވެ. މިމުބާރާތުގައި ރާއްޖޭގެ ޓީމް ހިމެނެނީ ގުރޫޕް އޭ ގައެވެ. މިގުރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސިންގަޕޫރު، ޗައިނީސް ޓައިޕޭ އަދި މުބާރާތް ބާއްވާ ގައުމުކަމުގައިވާ ތައިލެންޑެވެ. 

ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް ފަޒްނާ ޖަލީލް ބުނީ ރާއްޖެގެ ޓީމް ހިމެނެނީ ވަރަށް ވަރުގަދަ ގުރޫޕެއްގައިކަމަށާ މިގޫރޫގައި ހިމެނެނީ ހުސް ވަރުގަދަ ޓީމްތައްކަމަށެވެ. ހާއްސަކޮށް މުބާރާތް ބައްވާ ތައިލެންޑާއި ސިންގަޕޫރުގެ ޓީމު ފާހަގަކޮށްލެވޭކަމަށް ކޯޗް ފަޒްނާ ފާހަގަކޮށްފައިވެއެވެ. ފަޒްނާ ބުނީ ޓީމްތައް ކިތަންމެ ވަރުގަދަވީކަމުގައި ވީނަމަވެސް ރާއްޖޭގެ ޓީމްވެސް ދެރަ ނުވާނެކަމަށެވެ. އަދި މިހާރު ރާއްޖޭގެ ޓީމްވެސް ބަލިކުރަން އެހެން ޓީމްތަކަށް އުދަގޫވާނެކަމަށާ ރާއްޖޭގެ ޓީމްވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށް ކޯޗް ފަންޒާ ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14698017429470.jpg|ގައުމީ ނެޓްބޯޅަ ޓީމް ތައިލެންޑްއަަށް ފުރުމަށްގޮސް އެއާޕޯޓްްގަ (ފޮޓޯ: ނެޓްބޯޅަ އެސޯސިއޭޝަން)

މިމުބާރާތަަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ނެޓްބޯޅަ ޓީމު ވަނީ މިމަހުގެ ކުރީ ކޮޅުގައި ބުރުނާއީއަށް ރަޙުމަތްތެރިކަމުގެ މެޗްތަކެއް ކުޅުމަށް ގޮސްފައެވެ. އެދަތުރުގައި ގައުމީ ޓީމްވަނީ 5 މެޗެއް ކުޅެފައެވެ. ބުރުނާއީގެ ގައުމީ ޓީމާއެކު 3 މެޗް އަދި ބުރުނާޢީގެ ޖޫނިއާރ ޓީމާއެކު 2 މެޗް ކުޅެފައިވެއެވެ. 10 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ގައުމީ ނެޓްބޯޅަ ޓީމް ތައިލެންޑްއަށް މިއަދު ފުރާފައިވާއިރު، މިމުބާރާތް ކަވަރ ކުރުމަށް ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން ތައިލެންޑުގައި ހަރަކާތްތެރިވާނެއެވެ.