އިންވެސްޓްމަންޓުތަކާއެކު އީޖާދީ އުފެއްދުންތަކާއި ޒަމާނީ ފަންނުތައް ރާއްޖެއަށް ތަޢާރަފުވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސިންގަޕޯ-ރާއްޖެ ބިޒްނަސް ފޯރަމްގެ ތެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ އިންވެސްޓަރުންނަށް ފަހި މާޙައުލަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާތަނަށްއައިރު، ކޮށްފައިވާ ކަމަށެވެ. އެ ގޮތުން 45 އަހަރަށްފަހު އިސްލާހުކޮށްފައިވާ ފޮރިން އިންވެސްޓްމެންޓް ޤާނޫނާއެކު އިންވެސްޓްމެންޓާ ބެހޭ އޮނިގަނޑުތައް ބައިނަލްއަޤުވާމީ ހަމަތަކަށް ފައްތާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޤާނޫނާއެކު އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންކަން ރާއްޖެއަށް ލިބި، އެ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބޭރުގެ އިންވެސްޓްމެންޓުތަކާއެކު އާމްދަނީ އިތުރުވުމުގެ އިތުރުން ފަންނީ މަޢުލޫމާތާއި އައު އީޖާދުތަކާއި ޒަމާނީ ފަންނުތައްވެސް ރާއްޖެއަށް ތަޢާރަފުވާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ އެކި ޤައުމުތަކާއެކު އިންވެސްޓްމެންޓާ ބެހޭ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ސިންގަޕޯއާއެކު އިންވެސްޓްމެންޓް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން 2040 ވަނީ ލޯންޗުކޮށްފައި. މީގެ ތެރެއިން ދުރު މުސްތަޤުބަލުގައި ރާއްޖެއިން އިސްކަންދޭ ކަންކަމަށް އިންވެސްޓްކުރުމުގެ ފުރުޞަތު ފަހިވާނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިންވެސްޓަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ކުރަމުންދާ ބައެއް މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ. އެ ގޮތުން ފައިސާއާ ބެހޭ މުޢާމަލާތްތަކާއި އެކިއެކި ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިންގަޕޯ-ރާއްޖެ ބިޒްނަސް ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ރާއްޖޭގައި އިންވެސްޓްކޮށްފައިވާ އެކި ފަރާތްތަކާއި ރާއްޖޭގައި ހިނގަމުންދާ ކާމިޔާބު ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.