ދިވެހިރާއްޖެއާއި ސިންގަޕޫރުއާ ދެމެދު މުހިއްމު 3 ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ސިންގަޕޫރްގެ ރައީސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ސިންގަޕޫރުގެ ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއާއި ސިންގަޕޫރްއާ ދެމެދު އެއްބަސްވުންތައް އެކުލަވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޤާބިލްކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާ ހިމެނެއެވެ.
މިގޮތުން ސޮއިކުރެއްވި ފުރަތަމަ އެއްބަސްވުމަކީ ޤާބިލްކަން އިތުރުކުރުމުގެ ދާއިރާއިން އެކުލަވާލި އެއްބަސްވުމެވެ. މިގޮތުން ކޯޕަރޭޝަން އިން ކެޕޭސިޓީ ބިލްޑިން ނުވަތަ ޤާބިލްކަން އިތުރުކުރުމުގެ ދާއިރާގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ. އަދި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ.ވިވިއަން ބަލަކްރިޝްނަންއެވެ.
ދެވަނަ އެއްބަސްވުމަކަށް ސޮއިކުރެއްވީ ކޯޕަރޭޝަން އިން ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް ނުވަތަ ދެމެހެއްޓެނިވި ތިމާވެށީގެ ދާއިރާއިން ގުޅުންބަދަހިކުރުމުގެ ދާއިރާއިންނެވެ. މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޤައުމުގެ މިނިސްޓަރ ފޯ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް އެންޑް މިނިސްޓަރ އިން ޗާޖް އޮފް ޓްރޭޑް ރިލޭޝަންސް ގްރޭސް ފުއެވެ.
ތިންވަނަ އެއްބަސްވުމެއްގެ ގޮތުގައި ސޮއިކުރައްވާފައިވަނީ މަތީ ތައުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއިންނެވެ. ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއެކު އެކުލަވާލި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދުއެވެ. އަދި އައިޓީއީ އެޑިއުކޭޝަނުން ސޮއިކުރެއްވީ ޑެޕިއުޓީ ޝީފް އެގްޒެކެޓިވް އޮފިސަރ ގޮއް މޮންގް ސޮންގްއެވެ.
މި އެއްބަސްވުންތަކާއެކު ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިވެގެންދާނެއެވެ.
މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.