ޚަބަރު

ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަދަބީ މުބާރާތް ފަށައިފި


  • މި މުބާރާތުގައި77 ސްކޫލަކުން ވާދަކުރޭ

  • މާލޭ ސަރަހައްދުން 20 ސްކޫލަކުން ބައިވެރިވެފައިވޭ

ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަދަބީ މުބާރާތް ފަށައިފިއެވެެ. މި މުބާރާއްތައް ކުރިއަށްގެންދަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ މި އަހަރު ބާއްވާ މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތުގެ އިތުރުން ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެއް ވަގުތެއްގައި ފަށާފާވާކަމަށެވެ.

ތިން ދަންފަޅިއަށް ބަހައިލައިގެން މިއަދު މި މުބާރާތްތައް ކުރިއަށްގެންދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެއް ވަގުތެއްގައެވެ.

އަދަބީ މުބާރާތްތައް ކުރިއަށް ގެންދާ ގަޑިތައް

* މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތް - 10:30 - 08:00
* ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތް - 14:30 - 12:00
* ޅެންހެދުމުގެ 28 ވަނަ ޤައުމީ މުބާރާތް - 18:30 - 16:30

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ މި މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކުން މި މުބާރާތުގައި77 ސްކޫލަކުން ވާދަކުރާ ކަމަށާއި، މާލޭ ސަރަހައްދުން 20 ސްކޫލަކުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ދަރިވަރުން މުބާރާތް ކުރިއަށްދާނީ، އެ ދަރިވަރަކު ބައިވެރި މަރުކަޒެއްގައެވެ. އެގޮތުން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލުގައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރި ފަރާތްތައް މުބާރާތް ކުރިއަށްދާނީ އެ ބަޔަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކޮށްފައިވާ، މިހާރު ދިރިއުޅޭ ރަށެއްގައި، އެކެޑަމީން މުބާރާތް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައި ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވިއެެވެ.

މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން ޖުމްލަ 1099 ފަރާތެއް ބައިވެރިވެފައިވާ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވިއެވެެ. އަދި ކުރުވާހަކަ ލިޔުމުގައި މިހާތަނަށް 1006 ބައިވެރިން ބައިވެރިވެފައިވާއިރު، ޅެންހެދުމުގެ މުބާރާތުގައި މިހާތަނަށް 529 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ވިދާލުވިއެވެ. އެއް ވަގުތެއްގައި މުޅި ރާއްޖޭގައި ބާއްވާ މި މުބާރާތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި، ކުރިއަށްދާ ތަން އެ ސެންޓަރުތަކުން ދިވެހިބަހުގެ އެކެޑަމީއާ ހިއްސާކުރަމުން ދާނެ ކަމަށް ވިދާޅުވިއެވެ.

މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.