ސައުދީ އަރަބިއްޔާގެ އަލް ނަސްރުގައި މަޑުކުރުމަށް ނިންމައި، ކްރިސްޓިއާނޯ ރޮނާލްޑޯ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސައުދީ ޕްރޯ ލީގުގެ ކުލަބް އަލް ނަސްރު 2027 ވަނަ އަހަރާއި ހަަމައަށް މަޑުކުރުމަށް ރޮނާލްޑޯ ވަނީ ނިންމާފައެވެ.
އައު އެއްބަސަވުމުގެ ދަށުން ރޮނާލްޑޯއަށް އަހަރަކު 178 މިލިއަން ޕައުންޑް ލިބޭއިރު، އޭގެ ތެރޭގައި ބޯނަސް އާއި މިލްކުވެރިކަމުގެ ހިއްސާ ވެސް ހިމެނެ އެވެ. މި އެއްބަސްވުމުގައި 24.5 މިލިއަން ޕައުންޑްގެ ސޮއިކުރުމުގެ ބޯނަސް އާއި ޕްރައިވެޓް ޖެޓްގެ ހަރަދުތައްވެސް ހިމެނެ އެވެ.
އެންމެ ފުރަތަމަ ރޮނާލްޑޯ އަލް ނަސްރާއި ގުޅުނީ އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް 2022 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. މި ޖުލައި މަހުގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު އެ ކުލަބުގައި ރޮނާލްޑޯ މަޑު ނުކުރާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ރޮނާލްޑޯ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހަމަ އެ ޝައުގުވެރިކަމާއި އެ ހުވަފެނާއިއެކު ތާރީހީ ބަދަލެއް ގެނައުމުގެ އުންމީދުގައި އައު ބާބެއް ފެށުނީ ކަމަށެވެ.
އަލް ނަސްރުގައި ރޮނާލްޑޯ ހޭދަކުރި ދުވަސްތަކުގައި މިހާތަނަށް ކުޅުނު 41 މެޗުގައި އޭނާ ވަނީ 35 ލަނޑު ޖަހައި ޖެހިޖެހިގެން ދެވަނަ ސީޒަނުގައި ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
އަލް ނަސްރަށް ޖުމްލަ 111 މެޗުން 99 ގޯލް ކާމިޔާބުކޮށްދީފައިވާއިރު، ކެރިއަރުގައި ސީނިއާ ގޯލްގެ އަދަދު 1،000 ގާތްކުރެއެވެ. އޭނާ ވަނީ ކްލަބާއި ގައުމަށް 938 ލަނޑު ޖަހާދީފައެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕޯޗުގަލްއަށް ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދީފައިވާ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއި ސްޕޯޓިން އަދި ޔުވެންޓަސްގެ ކުރީގެ ފޯވާޑް މިހާރު އަމާޒު ހިފާނީ އަންނަ ވޯލްޑް ކަޕްގައި ހަ ވަނަ ފަހަރަށް ކުޅުމަށެވެ.