ދީން

"މާފަރުގެ މިސްކިތާބެހޭގޮތުން މީޑިޔާގައި ފެތުރީ ދޮގު ޚަބަރެއް"


ނ. މާފަރުގައި ބިނާކުރައްވަން ފަށްޓަވާފައިވާ މިސްކިތުގެ މަސައްކަތް ހުއްޓިފައިވާކަމަށް މީޑިޔާގައި ފެތުރިފައިވާ ވާހަކަތަކާއި އަދި ނ. އަތޮޅުގެ އެހެން ރަށެއްގެ މިސްކިތެއް ޢިމާރާތްކުރައްވާފައި ހުރީ ޤިބްލައަށް ނޫންކަމަށް ބުނެ މީޑިޔާގައި ފަތުރާފައިވާ ވާހަކައަށް އިސްލާމިކް މިނިސްޓްރީން ރައްދު ދެއްވައިފިއެވެ.

އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ މިވާހަކަތަކަށް ރައްދުދެއްވައި އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވީ ނ. މާފަރުގައި އެމިސްކިތް އެޅުއްވުމަށް ފުރަތަމަ ބަޔަކާ ޙަވާލުކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ގައި ކަމަށެވެ. އަދި މަސައްކަތް ޙަވާލުކުރެއްވީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ. ނަމަވެސް މަސައްކަތް ނުނިމި ލަސްވާތީ މިސަރުކާރުން 2014 ވަނަ އަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހު ކޮންޓްރެކްޓް އުވާލެއްވުމަށްފަހު، އޭރު ސަރުކާރުގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދަވާ ފަރާތްކަމަށްވާ އޯޕީޕީއާ ކޮންޓްރެކްޓަރެއް ހޯދުމަށް ޙަވާލުކުރެއްވިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. ނަމަވެސް ފަހުން ސަރުކާރުން އޯޕީޕީ އުވާލައްވައި އެތަނުގެ މަސައްކަތްތައް ހައުސިންގ މިނިސްޓްރީއަށް ބަދަލުކުރެއްވުމުން އަލުން ކޮންޓްރެކްޓަރެއް ހޯއްދެވުމަށް އެރަށު ކައުންސިލު މެދުވެރިކުރައްވައި މަސައްކަތް ކުރައްވައިގެންވެސް އެކަށީގެންވާ ކޮންޓްރެކްޓަރެއް ލިބިވަޑައިނުގަތުމުން ފަހުން އިސްލާމިކް މިނިސްޓްރީން ކޮންޓްރެކްޓަރެއް ހޯއްދަވައިގެން މިސްކިތް ޢިމާރާތްކޮށް ނިންމަވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ނާއިބު މުޙައްމަދު މުސްޠަފާ ވިދާޅުވިއެވެ. ނަމަވެސް ފަހުން ކައުންސިލުން މިސްކިތް ރީތިކުރުމަށްޓަކައި ބައެއް އިތުރު ކަންކަން ކުރުމަށް ކައުންސިލުން ހުށައެޅުއްވައި، އެކަންކަން ނުވަނީސް މިސްކިތް ބޭނުންނުކޮށް އަދި މިސްކިތާބެހޭގޮތުން އިސްލާމިކް މިނިސްޓްރީއާ މުޢާމަލާތުވެސް ނުކުރައްވަން ކައުންސިލުން ނިންމައި އެކަން އެންގެވިކަމަށެވެ.

މުސްޠަފާ ވިދާޅުވީ ފަހުން ހެޔޮއެދޭ އަމިއްލަ ފަރާތަކާ ޙަވާލުކުރައްވައިގެން އެމަސައްކަތް ކުރެއްވުމަށް ހުއްދައަކަށް ކައުންސިލުން އެދިވަޑައިގަތުމުން، އެ ހުއްދަދެއްވައި، އެމަސައްކަތް ކުރައްވަމުން ގެންދެވިކަމަށެވެ. އެހެންކަމުން ރާއްޖޭގެ މީޑިއާއަކުން މިކަމާބެހޭ ގޮތުން މަޢުލޫމާތު ފަތުރާފައިވަނީ ޙަޤީގަތް އޮޅޭގޮތަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ނ.މަގޫދޫގައި ހުރި މިސްކިތެއް ހުރީ ޤިބްލައަށް ނޫންކަމަށް މީޑިޔާގައި ފަތުރާ ވާހަކައަށް ރައްދުދެއްވައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ މިސްކިތަކީ 1977 ގައި ބިނާކުރައްވާފައިވާ މިސްކިތެއްކަމަށާއި އެހެންކަމުން އެމިސްކިތް ހުރީ ޤިބްލައަށް ނޫންކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން ޢަބުދުލްޤައްޔޫމުގެ ޒަޢާމަތުގައި މިގޮތަށް ހުރި މިސްކިތްތަކުގެ ސަފުތައް ޤިބްލައަށްވާގޮތަށް ތަރުޠީބުކުރެއްވިއިރު މަގޫދޫގެ އެ މިސްކިތުގެވެސް ސަފުތައް ޤިބްލައަށްވާގޮތަށް ބަދަލުކުރައްވައި، ތަރުތީބުކުރައްވާފައިވާ ކަމަށް އިސްލާމިލް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ޙަޤީގަތް އޮޅޭގޮތަށް ވާހަކަތައް ނުފެތުރުއްވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.