ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި މިއަދު ހަވީރު ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ކާމިޔާބުކޮށްފިއެވެ.
ވާދަވެރިކޮށް ކުރިއަށްދިޔަ މިމެޗު ދަނޑިމަގު ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 25-18، 26-24، 21-25 އަދި 25-21 އިންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ ދަނޑިމަގު ސްޕޯޓްސްގެ ބިދޭސީ ކުޅުންތެރިޔާ ބަޓުރް ބަޓްސޫރީއެވެ. އޭނާއަކީ މޮންގޯލިއާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.
މި މެޗުން ދަނޑިމަގު މޮޅުވިއިރު، އެ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބު އަތުން ބަލިވެފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވާދަކޮށް ދިވެހި ސިފައިންގެ ކުލަބުން މެޗު ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 25-21، 25-23 އަދި 25،21 އިންނެވެ.
ވީއޭއެމް ކަޕުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމެއް ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީ އާއި، ހުރާ ކޮމިއުނިޓީ ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އަދި ބްލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބުގެ އިތުރުން ދަ ސަދާން ސްޕޯޓްސް ކުލަބެވެ.