މުނިފޫހިފިލުވުން

ފަންނާނުންގެ މިއުޒިކީ ޢީދަށް ބޮޑު ތަރުހީބެއް


ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދަކީ މިނިވަން ދުވަހުގެ ޚާއްޞަ ޕްރޮގްރާމްގައި ހިމަނުއްވައިގެން ޕަބްލިކް ސަރވިސް މީޑިއާއާއި ހޯމް މިނިސްޓްރީ ގުޅިވަޑައިގެން ބާއްވަވާ ޚާއްޞަ ޝޯވްއެކެވެ. 11 އަހަރުގެ މެދުކެނޑުމަކަށްފަހު މި ޝޯވް ބާއްވާއިރު، މި ޝޯވްގެ ތެރެއިން ރޭވެސް ވަނީ ފޯރިގަދަ ގިނަ ޙަރަކާތްތަކެއް ފެނިގެންގޮސްފައެވެ. 

މި ޝޯވް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންއާއި ދައުލަތުގެ ވަޒީރުން ސްޓޭޑިއަމަށް ވަޑައިގެންނެވިއެވެ. ރޭގެ ޝޯވްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ އިތުރުން ޒުވާނުންގެ ތެރޭގައި މަޤްބޫލް "ގްރެވިޓީ ބައި ހަބޭސް" ބޭންޑްގެ ހުށައެޅުންތައްވެސް ފެނިގެން ގޮސްފައިވެއެވެ. މީގެއިތުރުން މޯލްޑިވިއަން އައިޑޮލްއިން ޢާއްމުންގެ މަޤްބޫލުކަން ހޯދި ފަންނާނުންގެ ހުނަރު ފެނިގެން ދިޔައިރު ޓީވީއެމް ބޮޑުބެރު ޗެލެންޖުގެ ޗެމްޕިއަނެއްކަމަށްވާ މަންދީރަ ބޮޑުބެރު ގްރޫޕުންވެސް ވަނީ ލަވަތައް ހުށަހަޅައިދީފައެވެ. 

img:http://s2.psmnews.mv/images/660x400/14697704353783.jpg|ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވއަށް ގޮސްތިބި އާއްމުންގެ ބަޔަކު

އާއްމުކޮށް ހުޅުވާލައިގެން ބޭއްވި މި ޝޯވް ބަލަން ދިޔަ ފަރާތްތަކުން ބުނީ މި ޝޯވް އަކީ ވަރަށް ފުރިހަމަ ޝޯވ އެއްކަމަށެވެ.

މި ޝޯވއާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ޑިރެކްޓަރ އީ ކޮމާސް އެންޑް މާރކެޓިނގް އިބްރާހީމް ނަސްރީން ވިދާޅުވީ، ރޭގެ ޝޯވްއަށް އާންމުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށާއި ރޭގެ ޝޯވް އަކީ ވަރަށް ކާމިޔާބު ޝޯވއެއްކަމަށެވެ. މިރެއާއި މާދަމާރޭވެސް މި ޝޯވް ކުރިއަށްދާނެކަމަށާއި ކުރިއަށްހުރި ޝޯވް ތަކުންވެސް ދިވެހި ފަންނާނުންގެ ކުޅަދާނަކަން ފެނިގެންދާނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/14697703632694.jpg|ރައީސް ޔާމީންގެ ދެކަނބަލުންނާއި ކުރީގެ ރައީސް ވަހީދުގެ ދެ ކަނބަލުން ޝޯވ ބައްލަވާލައްވަނީ

ފަންނާނުގެ މިއުޒިކީ ޢީދަކީ، މީގެ ކުރިންވެސް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ ޝޯވްއެކެވެ. އެގޮތުން އަށްޑިހައިގެ އަހަރުތަކުން ފެށިގެން ކޮންމެ އަހަރެއްގެ މިނިވަން ދުވަހާ ދިމާކޮށް ވަރަށް ކުލަގަދަކޮށް ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދު ބާއްވަވަމުން ގެންދަވާފައިވެއެވެ. ރާއްޖޭގައި މިޔުޒިކް ކުރިއަރުވައި ތަރައްޤީކުރުމުމުގައި މި ޝޯވް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ރާއްޖޭގެ ގިނަ ބޭންޑަތަކަށް ފުރުޞަތު ދެއްވައިގެން ބާއްވަވަމުން ގެންދެވި ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދު ހިމެނިފައިވަނީ ކުޅަދާނަ ފަންނާނުން އުފެއްދި އަދި ހުނަރުވެރި ފަންނާނުންނަށް މަޝްހޫރުކަމާއި މަޤްބޫލްކަން ހޯދައިދިން ޙަރަކާތެއްގެ ގޮތުގައެވެ. 

މިއަހަރު ބާއްވަވާ ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދަކީ ރަނގަޅު ފެންވަރުގައި ބޭއްވޭ ޝޯވްއަކަށް ހެދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ޚާއްޞަކޮށް މިނިވަންދުވަހުގެ އުފާވެރިކަން އިތުރުކޮށްދޭ ޙަރަކާތަކަށް މި ޝޯވް ހެދުމަށް ކުރިއްސުރެ ވަނީ ތައްޔާރުވެފައެވެ.