ހިޖުރީ އައު އަހަރާއި ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާތީ ޕާސްޕޯޓުގެ ޚިދުމަތް މިއަދު ލިބޭނީ ހަމައެކަނި މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސްތަކުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށެވެ.
ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހެނދުނު 09:00 އިން މެންދުރު 02:00 އަށް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ޕާސްޕޯޓާއި ހަވާލުވުމަށް އެވަގުތުތަކުގައި ނަންބަރު ދޫކުރާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ޚިދުމަތް ދިނުމަށް އިމިގްރޭޝަނުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި ޕާސްޕޯޓާގުޅޭ ޚިދުމަތްތައް އިތުރަށް ލުއިފަސޭހަ ކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމު ދަނީ ހަމަޖައްސަމުންނެވެ.