ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ދެކުނު ކޮރެއާގެ އުލްސާން ހިއުންޑާއީ އާއި ދެކޮޅަށް ބޮރޫޝިޔާ ޑޯޓްމަންޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބޮރޫޝިޔާ ޑޯޓްމަންޑް ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ގްރޫޕް އެފް ގައި ރޭ ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު ޑޯޓްމަންޑަށް ވަނީ ކުޅުނު ތިން މެޗުން 7 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. އުލްސާން ހިއުންޑާއީ ކުޅުނު ތިން މެޗުވެސް ބަލިވެ އެ ޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އެމެރިކާގެ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ބޮރޫޝިޔާ ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯބް ބެލިންހަމްގެ އެސިސްޓަކުން ޑެނިއެލް ސްވެންސަން އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕް އީގެ ދެވަނަ ޓީމެވެ. މިވަގުތު ގްރޫޕް އީ ގެ ދެވަނަ މަގާމުގައި އޮތީ އިޓަލީގެ އިންޓަރ މިލާނެވެ. ނަމަވެސް މިއަދު ދުވަހު ރިވަރ ޕްލޭޓް އާއި ދެކޮޅަށް އިންޓަރ މިލާން ކުޅޭ މެޗަށްފަހު މިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ޔޫރަޕްގެ ޓީމުތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ސަބަބަކީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ގިނަ ޓީމުތަކުން ވަނީ ބުނެފަ އެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ސައުތު އެފްރިކާގެ މަމެލޯޑީ ސަންޑައުންސް އާއި ދެކޮޅަށް ބްރެޒިލްގެ ފްލުމިނެންސޭ ކުޅުނު މެޗު ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފަ އެވެ.
މި ނަތީޖާ އާއިއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފްލުމިނެންސާ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ.
ފްލުމިނެންސޭ މި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމާއިއެކު މި މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ހަތަރު ޓީމަށްވެސް ވަނީ ގަދަ 16 ގެ ޖާގަ ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލުމިނެންސޭގެ އިތުރުން ފްލެމިންގޯ އާއި ޕަލްމޭރާސް އަދި ބޮޓަފޮގޯ އެވެ.