ޚަބަރު

ކައުންސިލަރުންނަށް ޚާއްސަ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


  • މުއްދަތު އިތުރުކޮށްފައިވަނީ ޖުލައި3ގެ 13:00އާ ހަމައަށް

  • ކޯސް ކުރިއަށްދާނީ 15 ހަފްތާއަށް އޮންލައިންކޮށް

  • ކޯހުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވޭ

ކައުންސިލަރުންނަށް ޚާއްސަ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.

ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ކައުންސިލަރުންނަށް ޚާއްސަ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސީވީ، އައިޑީ ކާޑު ކޮޕީ، އަދި އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓުގެ އިތުރުން ވަޒީފާ އަދާކުރަމުންދާކަމުގެ ލިޔުން ޖުލައި 3 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަންޖެހޭނެކަމަށެވެ.

ކައުންސިލަރުންނަށް އަމާޒުކޮށްގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚަޠީބުކަމުގެ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކިރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަަޒުންނެވެ.

ކޯހަށް މީހުން ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާން ފަރިިތަކޮށް ކިޔަވަން އެނގުމާއި، ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔެވުމުގެ ފަރިތަކަމަށެވެ.

މީގެއިތުރުން، ކޯހުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާކަމަށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަދި މި ޕްރޮގަރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 15 ހަފްތާގެ މުއްދަތަށް އޮންލައިންކޮށް ކަމަށް ވެސް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދީ، ގިނަ ބައެއްގެ ހިތްތަކުގައި އިމާމުކަން ކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން މީހުންގެ ހިތްތަކުގައި އާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައްވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކަކީ، ދީނީ ކަންކަމަށް މީހުންގެ ހިތުގައި ލޯބި ޖައްސައި، ދީނީ ކަންކަމުގައި ކުރީ ސަފުގައި މަސައްކަތްކުރާ ބައެއް އުފެއްދުމަށް ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.