ލެސްޓާ ސިޓީ ވަނީ ރެލިގޭޓްވެފައެވެ. އެއީ މީގެ 10 އަހަރު ކުރިން ޕްރެމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އެ ފަހަރު އެ މީހުން ތަށި ހޯދުން ވެގެން ދިޔައީ ދުނިޔެ ހައިރާންވި ކަމަކަށެވެ. ނަމަވެސް އެއަށް ފަހު ލެސްޓާގެ ކިބައިން އެ ހިތްވަރާއި ފަންވަރެއް ނުފެނުނެވެ. އިނގިރޭސި އެފްއޭކަޕަކާއި ޗެލިޓީ ޝީލްޑެއް ހޯދި ނަމަވެސް ހުސްވި ސީޒަނުގައި އަނެއްކާ ވެސް ވަނީ ރެލިގޭޓްވެފަ އެވެ.
ޓީމު ރެލިގޭޒްވިއިރު ކޯޗަކަށް ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ނެދަލޭންޑްސްގެ ރުޑް ވެން ނިސްޓެލްރޫއީ އެވެ. އޭނާ ޓީމާ ހަވާލުވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން ފުރަތަމަ ހުރީ މެންޗެސްޓާ ޔުނައިޓެޑުން ވަކިކުރި ކޯޗު އެރިކް ޓެން ހަގްގެ އެސިސްޓެންޓް ކޯޗަކަށެވެ. އޭނާ ވަކި ކުރުމުން ވަގުތީ ގޮތުން ޔުނައިޓެޑްގެ ހެޑް ކޯޗުކަން ލިބުމުން އެ މަގާމު ދާއިމީ ކުރަން ނިސްޓެލްރޫއީ މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ އަށް ކުލަބުން ފުރުސަތު ދިނީ އައު ކޯޗު ރުބެން އަމޮރިމާއެކު ކުރި އަށް ދިއުމަށެވެ. ނަމަވެސް ދެ ކޯޗުން ވަކިން ކުރި މަޝްވަރާތަކަށް ފަހު ނިސްޓެލްރޫއީ ޔުނައިޓެޑާ ވަކިވީ އެވެ. ބުނީ ތިމަންނަ އެސިސްޓެންޓް ކޯޗުކަން ކުރާނެ ހަމައެކަނި ކުލަބަކީ ޔުނައިޓެޑް ކަމަށެވެ.
އުމުރުން މިހާރު 48 އަހަރުގެ ކުރީގެ ފޯވަޑް ކޯޗެއްގެ ގޮތުގައި ދެމިގަން ނިސްޓެންރޫއީ އަށް ފުރުސަތު ލިބުނީ އޭރު ވެސް ގެންބެމުންދިޔަ ލެސްޓާއިންނެވެ. އެކަމަކު އޭނާ ހަވާލުވެގެން ލެސްޓާ ނަގައި ފެންމަތި ކުރެވޭ ގޮތެއްނުވި އެވެ. ނިސްޓެލްރޫއީގެ ކޯޗުކަމުގައި ކުޅުނު 19 މެޗުގެ ތެރެއިން 17 މެޗުން ބަލިވީ އެވެ. އެންމެ ފަހުން ރެލިގޭޓްވީ އެވެ.
މިއާއެކު އެ ކުލަބުން ނިންމީ އޭނާ މަގާމުން ވަކި ކުރުމަށެވެ. ކުރިއަށް އޮތް ސީޒަނުގައި އައު ކޯޗެއްގެ އިރުޝާދު ހޯދާށެވެ. ޕްރެމިއާ ލީގު ހޯދިތާ 10 އަހަރުވީއިރު ދެ ފަހަރެއްގެ މަތިން ރެލިގޭޓްވުމުން ކުރީ ފަހަރެކޭ ވެސް އެއްގޮތަށް އެއް އަހަރުގެ މަސައްކަރުން އަލުން ޕްރެމިއާ ލީގަށް ކޮލިފައިވުމަށެވެ.
މި މަސައްކަތަށް އެ ކުލަބުން އިހްތިޔާރު ކުރަން ބޭނުންވާ ކޯޗަކީ ނިސްޓެލްރޫއީ އެއް ނޫނެވެ. ސީން ޑައިސް އެވެ. އޭނާ ހުރީ ކުލަބުން ގޮވާލާނެ އިރެއްގެ އިންތިޒާރުގަ އެވެ.
ކޯޗުކަމުން ނިސްޓެލްރޫއީ ވަކިކުރިކަން ހުސްވި މަހު އިއުލާނު ކުރުން ފިޔަވައި ލެސްޓާއިން އިތުރު ކަމެއް ނުކުރެ އެވެ. މިހެންވެ މަގާމުގައި އަދިވެސް ހުރީ އޭނާ އެވެ. އޭނާ އަށް މުސާރަ ވެސް ހިނގަ އެވެ. އިނގިރޭސި މީޑިއާތަކުން ބުނަނީ ކޯޗު ވަޒީފާއިން ވަކިކުރިކަން ރަސްމީ ނުކޮށްގެން އުޅެނީ މާލީ ސަބަބަކާ ހެދި ކަމަށެވެ.
ލެސްޓާއިން ބޭނުންވަނީ އެ ކުލަބުގެ އޮޑިޓް ނިންމައި މާލީ ރިޕޯޓްތައް ނިމުމުން ނިސްޓެލްރޫއީއާ މެދު ރަސްމީކޮށް ގޮތެއް ނިންމުމަށެވެ. ސަބަބަކީ މިހާރު އެކަމަށް ގޮތެއް ނިންމުމުގެ ބަދަލުގައި އޮޑިޓް ނިމުމުން ވަޒީފާއިން ވަކިކޮށްފިނަމަ މާލީ ގޮތުން ގެއްލުން ކުޑަކުރެވޭނެތީ އެވެ. ފަހަރުގައި އޭނާ ބަހައްޓަން ވެސް ޖެހިދާނެ އެވެ.