ޚަބަރު

"ދައުލަތުން ދައްކަން ނުޖެހޭ އަދަދުތައް ހޯދުމަށް ފޯޖް ލިޔުންތައް ހުށައަޅާފައިހުރިކަން މާލީ ރިޕޯޓުތަކުން ދައްކާ"


  • 4 ރިޕޯޓެއްގައި 100 މިލިޔަނަށްވުރެ ބޮޑު އަދަދުތަކެއް ކްލެއިމް ކުރަން ހުށައަޅާފައިވޭ

  • ރިޕޯޓުތަކުގެ އަލީގައި މައްސަލަތައް ކޯޓުގައި ދިފާއުކުރެވޭނެ ފުރުސަތު ލިބިގެންދާނެ

ދައުލަތުން ދައްކަން ނުޖެހޭ ވަރުގެ ބޮޑެތި އަދަދުތައް ހޯދުމަށް ފޯޖް ލިޔުންތައް ހުށައަޅާފައި ހުރިކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކާކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އޮޑިޓްކުރުމަށް ހުށައަޅާފައިވާ ރިޕޯޓުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހުށައަޅަންޖެހޭ ވަގުތައް މާލީ ބަޔާންތައް ލިބިފައިވަނީ 16 ތަނަކުންކަން ވަނީ ފާހަގަކުރައްވާފައެވެ. 19 ޖޫންއާއި ހަމައަށް އިތުރު 3 ތަނެއްގެ މާލީ ބަޔާން ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް އެސްއޯއީތަކުގެ ތެރެއިން 10 ތަނެއްގެ މާލީ ބަޔާން ލިބިފައިނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، ބައެއް އެގްރިމަންޓްތައް ބާތިލްކުރާއިރު ދައުލަތުގެ ފަރާތުން ބޮޑެތި އަދަދުތަކެއް ދައްކަންޖެހޭކަމަށެވެ. އަދި އޮޑިޓްކުރަމުންދާއިރު މި ރިޕޯޓްތަކުންވެސް އުނި ކަންކަން ފާހަގަވަމުންދާކަމަށެވެ. އެގޮތުން ކްލެއިމް ކުރެވޭނެ އެންމެ ބޮޑެތި އަދަދުތައް އެގްރިމަންޓްގައި ހިމެނުމަކީ ޤާނޫނަށް ބަދަލު ގެނެސްގެންވެސް ކުރަންޖެހިފައިވާކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވެފައިވަނީ ރިޕޯޓުތަކުން އޮޅުވާލައިގެން ފޯޖް ލިޔުންތައް ހުށައަޅައިގެން ފައިސާ ހޯދާފައިހުރިކަން ރިޕޯޓްތަކުން ދެއްކުމާއި ގުޅިގެންނެވެ.

"ދައުލަތާއި ދެކޮޅަށް ހުށައެޅިފައި ހުރި ބައެއް ކޭސްތަކުގައި އަޅުގަނޑުމެން މިހާރު އޭގެ ރިޕޯޓްވެސް ތައްޔާރުކުރަމުން މިދަނީ އެބަހުރި ހަމަ ފޯޖް ލިޔުންތައް ހުށައަޅާފައިވެސް. އަޅުގަނޑުމެންނަކީ ތަހުގީގީ އިދާރާއެއް ނޫން އެހެންވީމަ ފޯޖްކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ލިޔުންތައް ހުށައަޅައިގެން އެބަހުރި ތަކެއްޗާއި ލިޔުންތައް ދައުލަތައް ފޯރުކޮށްދިންކަމަށް ދައުލަތައް ދައްކައިގެން އޭތި ކްލެއިންކުރަން. އޭގަ އަޅުގަނޑުމެން ބޭންކްތަކުންނާއި އެހެނިހެން އިދާރާތަކުން އޭގެ އަސްލު ޑޮކިއުމަންޓްތަކާއި އަދި އޭގަ ސޮއިކޮށްފައި ހުރިކަމަށް އެ ބުނާ މީހުންނާއި އެމީހުންގެ ބަހެއްވެސް ހޯދައިގެން މިހާރު މި މަސައްކަތްކުރަމުން ދަނީ. މި ދެންނެވިހެން މިހާރުވެސް މަސައްކަތްކުރާ 4 ރިޕޯޓެއްގައި އޭގެއިން 100 މިލިޔަނަށްވުރެ ބޮޑު އަދަދުތަކެއް މިހާރުވެސް ހުށައަޅާފައި އެހުރީ ކްލެއިމްކުރަން." އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، މި ރިޕޯޓުތަކުގެ އަލީގައި އެޓާރނީ ޖެނެރަލްއަށް މައްސަލަތައް ކޯޓުގައި ދިފާއުކުރެވޭނެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަމިއްލަ ފަރާތަކުން ދައުލަތައް ދީފައި ހުރި ހިދުމަތަކަށް ފައިސާ ނުދައްކާނަމަ އެ ފައިސާ ދޭންޖެހޭނެކަން ފާހަގަކުރައްވައި އޮޑިޓަރ ޖެނެރަލް ވިދާޅުވީ ފޯޖް ކޮށްގެން މިގޮތައް ލިޔުންތައް ހުށައަޅައިގެން ފައިސާ ހޯދުން ހުއްޓުމަކަށް އަންނަންޖެހޭކަމަށެވެ.