ޚަބަރު

ދަނޑުވެރިކަމާއި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ނޭޕާލްއާ އެކު މަޝްވަރާކުރައްވައިފި


  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

  • ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފަ

ދަނޑުވެރިކަމާއި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ނޭޕާލްއާ އެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައްކުރައްވާފައިވަނީ ނޭޕާލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު ޑރ. ޕޫރްނާ ބަހާދޫރު ނޭޕާލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހުއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ނޭޕާލްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ތަޢުލީމާއި ދަނޑުވެރިކަމާއި ޞިއްޙީ ދާއިރާ ހިމެނެއެވެ.

ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގައެވެ. ނޭޕާލުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.