ކުޅިވަރު

ވަންދޫއާއި ގުރައިދޫއިން މިއަދުގެ މެޗްތައް ކާމިޔާބުކޮށްފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތ.އަތޮޅުގައި މިއަދު ކުޅުނު މެޗް ގުރައިދޫ ކާމިޔާބުކޮށްފިއެވެ. ގުރައިދޫ މިމެޗް ކާމިޔާބުކޮށްފައިވަނީ ވޭމަންޑޫއާ ވާދަކޮށް 3 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި ގުރައިދޫގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަރީފާއި އާދަމް އަފީފެވެ. އަރީފް އެއް ލަނޑު ޖަހައިދިން އިރު އާދަމް އަފީފް ވަނީ ދެ ލަނޑު ޖަހާދީފައެވެ. މެޗްގައި ވޭމަންޑޫއިން ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މޫސާ މުޙައްމަދު މަނިކެވެ.

މިއަތޮޅުގައި ވަންދޫއާ ކިނބިދޫ ކުޅުނު މެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ވަންދޫއެވެ. މިމެޗްގައި ވަންދޫއިން ޖެހި 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޝަމްވީލްއާއި އަޙުމަދު ޝަބީންއެވެ. ކިނބިދޫއިންޖެހި ލަނޑަކީ ވޭމަންޑޫގެ އަޙުމަދު ޙަސަން އަތުން ބައިކޮޅަށް ވަތް ގޯލްއެކެވެ.

މިމުބާރާތުގައި ތ.އަތޮޅުގެ ޓީމްތައްވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އެކެއްގެ މެޗްތައް ތިމަރަފުށީގައި ކުރިއަށްދާއިރު ގްރޫޕް ދޭއްގެ މެޗްތައް ކުރިއަށްދަނީ ގުރައިދޫގައެވެ. މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އއ.އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކުން ބައިވެރިވެފައިވެއެވެ.