އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ނިރުބަވެރި ޙަމަލާތައް ކާމިޔާބުވި ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި، ފޫރްދޫގައި ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒަށް ދިން ޙަމަލާތަކުގައި ލިބިފައިވާ ގެއްލުން ވަޒަން ކުރެވިފައި ނުވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ން ހާމަކޮށްފިއެވެ. ޔަހޫދީންނާ ބައިވެރިވެ އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދީފައިވާ ޙަމަލާތަކެކެވެ.
ބީ-2 ބޮންއަޅާ މަތިންދާބޯޓުތަކާއި ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާއިން އީރާންގެ ތިން މަރުކަޒަކަށް ޙަމަލާ ދިނެވެ. އެއީ، ނަޠަންޛާއި، ފޫރްދޫގެ އިތުރުން އަޞްފިހާންގައި ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކެވެ. ޓްރަމްޕް ވިދާޅުވީ، ޙަމަލާތަކުގައި އެ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ނިމުމަކަށް ގެންނަވާފައިވާނެ ކަމުގައެވެ.
އައިއޭއީއޭގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވިދާޅުވީ، ފޫރްދޫގައި ހުންނަ ނިއުކްލިޔަރ މަރުކަޒަށް އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާބޯޓުތަކުން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. ނަމަވެސް، އެ ތަނުގެ ބިމު އަޑީގައި، ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތަކަށް ލިބިފައިވާ ގެއްލުން އަންދާޒާ ކުރެވިފައި ނުވާ ކަމުގައެވެ.
ޖޫން 22ވަނަ ދުވަހު އެމެރިކާއިން އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުންނެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ވެސް ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންނަށެވެ. އީރާންގެ ޢާންމުން ދިރިއުޅޭ ރަށްތަކާއި، އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށް ވެސް ޔަހޫދީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ.
ގްރޮއްސީ ވިދާޅުވީ، ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތައް ދިރާސާ ކުރުމުގެ ފުރުޞަތު އައިއޭއީއޭގެ ޓީމުތަކަށް ލިބިފައި ނެތް ކަމުގައެވެ. އަދި، ފޫރްދޫ މަރުކަޒަށް ޒިޔާރާތްކޮށް، އެ ތަނަށް ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމުގެ ފުރުޞަތު ކައިރި މުސްތަޤުބަލެއްގައި އައިއޭއީއޭގެ ޓީމުތަކަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އީރާންގެ ރެޑް ކްރެސެންޓުން ބުނީ، އެމެރިކާއިން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ. "ނަސީބު ދިމާކުރި ގޮތުން، އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ނިރުބަވެރި ޙަމަލާތަކުގައި އެއްވެސް މީހަކު ޝަހީދު ކޮށްލާފައެއް ނުވޭ،" ރެޑް ކްރެސެންޓުގެ ވެރިޔާ ބީރް ޙުސައިން ކޫލިންދް ވިދާޅުވިއެވެ.
އީރާންގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިން ބުނީ، އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާދީ، އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދިން ނަމަވެސް، ނިއުކްލިޔަރ ދާއިރާގެ ޢިލްމަކީ ނައްތައިލެވޭނެ، އަދި ފޮހެލެވޭނެ ޢިލްމެއް ނޫން ކަމުގައެވެ. "އެ މީހުން [އެމެރިކާއާއި ޔަހޫދީން] ދަންނަންވި ކަމަކީ، ނިއިުކްލިޔަރ ސިނާއަތުގެ މޫތަށް މި ޤައުމަށް ފެތުރިފައިވާ ކަން، އަދި އީރާންގެ ޤައުމީ ސިނާއަތެއް ނައްތައިނުލެވޭނެ ކަން،" އެ އިދާރާގެ ތަރުޖަމާނު ބެހްރޫޛް ކަމާލުންދް ވިދާޅުވިއެވެ.
ނަމަވެސް، ޔަހޫދީންނާއި އެމެރިކާ ގުޅިގެން ދީފައިވާ ޙަމަލާތަކުގައި އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުން އެއްބަސްވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މިއީ، އީރާންގެ ނިއުކްލިޔަރ ހަކަތައިގެ ސިނާއަތަށް އަމާޒުކޮށް ގެއްލުން ދީފައިވާ ފުރަތަމަ ފަހަރު ނޫން ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 865އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 3,396އަށް އަރައެވެ.