ޚަބަރު

އޭޑީކޭ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 2ގެ މަސައްކަތް


އޭޑީކޭ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ކުރިއަށްގެންދަން ހަމަޖެހިފައިވާ "އޭޑީކޭ ފޭސް 2" ގެ މަސައްކަތް އޭބީސީ ކޮންސްޓްރަކްޝަނާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އޭޑީކޭ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އައްފާލް އެވެ. އޭބީސީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ވަހީދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތުދެމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ ސޮއިކުރެވުނު މި އެއްބަސްވުމަކީ 18 މަސް ދުވަހުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލްގައި 10 ބުރީގެ އިމާރާތެއް އެޅުން ކަމަށެވެ. އަދި މި އިމާރާތުގެ ސަބަބުން އޭޑީކޭއިން ހިދުމަތް ހޯދަން އަތޮޅުތެރެއިން އަންނަ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އައްފާލް ވިދާޅުވިއެވެ. އެގޮތުން އެ އިމާރާތުން އަތޮޅުތެރެއިން ބޭސްފަރުވާއަށް އަންނަ ފަރާތްތަކަށް މާލޭގައި އާއްމުކޮށް ކޮޓަރި ކުއްޔަށްދޭ އަގަށްވުރެއް ހެޔޮ އަގެއްގައި ކޮޓަރި ލިބެން ހުންނާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައްފާލް ވިދާޅުވީ އިމާރާތްކުރެވޭ މި 10 ބުރީގެ އިމާރަތުގައި 35 ފްލެޓްވެސް ހިމެނޭ ކަމަށާއި މި ފްލެޓްތައް ހާއްސަ ކުރެވޭނީ އޭޑީކޭގައި މަސައްކަތް ކުރަމުން އަންނަ މަތީފަންތީގެ މުވައްޒަފުންނަށް ކަމަށެވެ.