ޖޫން މަހުގެ 22ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ވަނީ، އޭގެ ހަފްތާއެއް ކުރިން އީރާނަށް އިސްވެ ޙަމަލާ ދޭން ފަށާފައިވާ ޔަހޫދިންނާ ބައިބެރިވެ، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިފައެވެ. ބިންގަރާސްތައް ފޫއަޅުވާލެވޭ، ބަރުމިނުގައި 30،000 ޕައުންޑު ހުންނަ ބާރުގަދަ ބޮންތައް އަޅައި، އީރަނުގެ އަޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ޙާމަލާ ދިނީ އެ ގޮތަށް ޢަމަލު ނުކުރުމަށް ޤައުމުތަކުން ގޮވައިލަމުން ދަނިކޮށެވެ. އެ ޙަމަލާއަށްފަހު އީރާނުން ވަނީ ޤައުމުގެ ދިފާޢުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް އިޢުލާނު ކޮށްފައެވެ. ނަމަވެސް އެމެރިކާއިން ބުނަމުން ދަނީ މި ޙާލަތުގައި އީރާނުން ރައްދު ޙަމަލާ ނުދީ ތިބެންޖެހޭ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ވެރިކަން ބަދަލު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ. އީރާނުގެ މިހާރުގެ ސަރުކާރަށް އެ ޤައުމަކީ ހައިބަތުހުރި ޤައުމަކަށް ނުހެދޭ ނަމަ، އެންމެ އައުލާ ގޮތަކީ ވެރިކަން ބަދަލު ކުރުން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޖޫން މަހުގެ 13ވަނަ ދުވަހުން ފެށިގެން ޔަހޫދީންނާއި އީރާނާ ދެމެދު މިސައިލް ޙަމަލާތައް ދަނީ ބަދަލު ކުރަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ތެލް އަވީވަށް ދިން މިސައިލް ޙަމަލާއެއްގައި ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެ، ބައެއް އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. ޔަހޫދީން ވަނީ ވައިގެ އަސްކަރިއްޔާގެ ޖެޓުތައް ފޮނުވާ، އީރާނުގެ ހުޅަނގުގައި ހުންނަ ދިގަ ޢަދަދެއްގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާ ދީފައެވެ.
އެމެރިކާގެ ދާޚިލީ ވުޒާރާއިން ވަނީ މި ޙާލަތުގައި އެމެރިކާއަށް ނުރައްކާ އޮތް ކަމަށް ބުނެފައެވެ. އެ ގޮތުން ސައިބަރ ޙާމަލާތަކާއި ވަކި ބަޔަކަށް ގެއްލުން ދިނުމަށް ދޭ ޙަމަލާތަކުގެ ނުރައްކާ ހިމެނެއެވެ. އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ޤާނޫނު ތަންފީޒު ކުރާ ބާރުތަކަށް ނިޞްބަތްވާ އޮފިސަރުން ދަނީ އިތުރު ސަމާލު ކަމެއް ދީގެން މަގުތަކުގައި ފޯރި މަރަމުންނެވެ. އެ ގޮތުން ދީނީ، ޘަޤާފީ އަދި ޚާރިޖި ސަރަޙައްދުތަކަށް ޚާއްޞަ ސަމާލު ކަމެެއް ދީފައިވެއެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އެމެރިކާގެ ރައްޔިތަކަށް ވީތީ ބަޔަކު ދިމާކޮށްލަފާނެ ކަމުގެ އިންޒާރު އަދި ދަތުރުފަތުރަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު ޤައުމުން ބޭރުގައި ދިރިއުޅޭ އެމެރިކާގެ އެންމެހާ ރައްޔިތުންނަށް ދީފައެވެ.
އެމެރިކާއިން ދިން ޙަމަލާގެ ބަދަލުގައި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން ބުނެފައިވާ ނަމަވެސް އެ ޤައުމުން އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެއްވެސް އަސްކަރީ މަރުކަޒަކަށް ވެސް މިހާތަނަށް ޙަމަލާ ދީފައެއް ނުވެއެވެ. އަދި ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ހުުރަސް އެޅުމަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޙާލަތު މި ގޮތަށް އަބަދު އޮތުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ އެމެރިކާއަށް އެކަށީގެންވާ ރައްދެއް ދިނުމުގެ ހައްޤު އީރާނަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. މަޝްވަރާގެ މަގުން ކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރެވޭނީ ރައްދު ޙަމަލާ ދިނުމަށް ފަހުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމެރިކާއަކީ ޞުލްޙަވެރިކަމާއެކު ކަންކަން ނިންމުމުގެ ކުޅަދާނަކަން ލިބިފައިވާ ޤައުމެއް ނޫން ކަމަށާއި އެމެރިކާއަށް މުއާމަލާތު ކުރަން އެނގެނީ ބިރުދައްކައި އިންޒާރު ދީގެން އެކަނި ކަމަށް ވެސް ޢަރާޤްޗީ ވިދާޅުވެފައިވެއެވެ.
ޓްރަމްޕް ދެއްވި ހިޠާބެއްގައި ވިދާޅުވީ އެެމެރިކާއިން ދިން ޙަމަލާއަކީ އަސްކަރީ ގޮތުން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ކާމިޔާބީއެއް ކަމަށެވެ. އެ ޙަމަލާގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް ޓްރަމްޕް ދަނީ ތަކުރާރު ކޮށް ވިދާޅުވަމުންނެވެ.
މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނީ ސެޓެލައިޓު ފޮޓޮއިން ފެންނަ ގޮތުގައި، ފަރުބަދައެއްގެ އަޑީގައި ޤާއިމު ކޮށްފައިވާ ފޫރްދޫ ނިއުކްލިޔަރ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މަރުކަޒުގެ ޙާލަތު ޔަޤީން ނުވާ ކަމަށް ވެސް އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.
އދގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީއޭއިން ވަނީ އެމެރިކާގެ ޙަމަލާގެ ސަބަބުން ނިއުކްލިޔަރ މަރުކަޒުތަކުން ރޭޑިއޭޝަން ބޭރުވާ މިންވަރު އިތުރުވެފައި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް ބިމުގެ އަޑީގައިވާ ޤާއިމު ކޮށްފައިވާ ފޫރްދޫއަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއް ކަން މި ވަގުތު ބެލެން ނެތް ކަމަށް އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް، ރަފައެލް ގްރޮސީ ވަނީ ވިދާޅުވެފައެވެ.
އީރާނުގެ އިސް މަސްދަރަކުން ބުނީ ފޫރްދޫގައި ހުރި މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް އެމެރިކާގެ ޙަމަލާގެ ކުރިން އެހެން ސަރަޙައްދަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ކަން މިހާތަނަށް ޔަޤީން ކުރެވިފައެއް ނުވެއެވެ. ސެޓެލައިޓު ފޮޓޯއިން ދައްކާ ގޮތުގައި ޙަމަލާގެ ކުރިން ފާއިތުވި ދެ ދުވަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ އުޅަނދު އެ ސަރަޙައްދުގައި ކިޔު ހަދާފައިވެއެވެ.
ޓްރަމްޕް ވަނީ އީރާނުން ރައްދު ޙަމަލާ ނުދީ ޞުލްޙަ ވުމަށް އީރާނަށް ގޮވާލައިފައެވެ. އެމެރިކާއިން ކުރިމަގުގައި ދޭ ޙަމަލާތައް މިހާރު ދީފައިވާ ޙަމަލާއަށް ވުރެ ވަރުގަދަ ވާނެ ކަމަށާއި އެ ފަދަ ޙަމަލާއެެއް ދިނުމަށް އެމެރިކާއަށް މާ ފަސޭހަ ވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
މި ވަގުތު ހުޅަނގަށް ގެއްލުން ދިނުމަށް އީރާނަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ އީރާނާއި ޢުމާނާއި އެކުވެރި ޢަރަބި އިމާރާތުން ޙިއްޞާ ކުރާ މަޟީޤު ހުރްމުޒު ނުވަތަ ސްޓްރެއިޓް އޮފް ހުރްމުޒް ބަންދު ކުރުމެވެ. އެ ގޮތަށް އަމަލު ކުރުމަށް އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ވަނީ ފާސް ކޮށްފައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެޔޮ ހިފައިގެން ދަތުރުކުރާ އުޅަނދުތަކުގެ ހަތަރުބައި ކުޅަ އެއްބައި މި ސަރަޙައްދު ހުރަސްކުރެއެވެ. މި ސަރަޙައްދު ބަންދު ކުރުމަށް އީރާނުގެ އެންމެ މަތީ ސަލާމަތީ މަޖިލީހުގެ ޙުއްދަ ބޭނުންވާނެއެވެ.
މަޟީޤު ހުރްމުޒު ބަންދު ކޮށްފިނަމަ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދާނެ ކަމަށް ބެލެވެއެވެ. އެއާއެކު ދުނިޔޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކޮށް، ގަލްފުގައި ޙަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންނާ ކުރިމަތިލުންތައް ހިނގުން ވެސް އެކަށީގެންވެއެވެ. ކަނޑުގެ ސިފައިންގެ މައިގަނޑު މަސައްކަތަކީ މަޟީޤު ހުރްމުޒު ހުޅުވާފައި ބޭއްވުމެވެ.
މިދިޔަ ޖަނަވަރީ މަހަށް ފަހު ތެލުގެ އަގު އެންމެ މައްޗަށް ގޮސްފައި ވަނީ އެމެރިކާގެ ޙަމަލާއަށް ފަހު ޖޫން މަހުގެ 22ވަނަ ދުވަހުއެވެ. އެ ގޮތުން ބްރެންޓް ސާފު ނުކުރާ ތެލުގެ އަގު ވަނީ 3.20 އެމެރިކާ ޑޮލަރުން 80.28 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި ޔޫއެސް ސާފު ނުކުރާ ތެލުގެ އަގު ވަނީ 2.89 އެމެރިކާ ޑޮލަރުން 76.73 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅެއް އެޅުމަށް މި ވަގުތު ރާވާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ކަން ބަރޯސާ ވަނީ އީރާނުގެ އަމަލުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ދިން ޙަމަލާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ވަނީ ޖޫން މަހުގެ 22ވަނަ ދުވަހު ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުމުގައި ރަޝިޔާއާއި ޗައިނާއާއި ޕާކިސްތާނުން ވަނީ މެދުއިރުމައްޗަށް ޙަމަލާ ދިނުން ޝަރުތަކާ ނުލައި ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ޤަރާރެއް ނެރުމަށް ހުށަހަޅާފައެވެ.
ސަލާމަތީ މަޖިލީހުގައި އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ވިދާޅުވީ އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމަކީ ސަރަޙައްދީ މަސްރަހު ވަރަށް ބޮޑަށް ބަދަލު ކޮށްލާނެ އަމަލެއް ކަމަށެވެ. އޭނާ ވަނީ ޙަމަލާ ބަދަލު ކުރުން ހުއްޓާލައި އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ގޮވާލައްވައިފައެވެ.