ޚަބަރު

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވަވައިފި


ކޮންމެ އަހަރެއްގެ މިނިވަން ދުވަހުގެ ރަސްމީ ޕްރޮގްރާމްގައި ހިމެނޭ އެންމެ މައިގަނޑު އެއް އިޙްތިފާލަކީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުން މިފަހަރު ބާއްވަވާފައިވަނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ. މިއީ، އެ މައިދާނުގައި މި ބައްދަލުކުރެއްވުން ބޭއްވެވި ފުރަތަމަ ފަހަރެވެ.

މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ހިމެނިފައިވަނީ މިހާތަނަށް އެންމެ ގިނަ ބޭފުޅުންނަށް ދަޢުވަތުދެއްވައިގެން ބޭއްވެވި ބައްދަލުވުމަށެވެ. އަދި ރޭގެ ބައްދަލުވުން ފާހަގަކުރެވިފައިވަނީ ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން ވަޑައިގެން، ތަހުނިޔާ ބަދަލުކުރައްވައި، އެކުވެރި މާހަޢުލެއްގައި އުފާވެރިކަމާއެކު ސަލާމްގަލާން ކުރެއްވުމާއި ޚިޔާލުބަދަލުކުރައްވައި ހެއްދެވި ބައްދަލުކުރެއްވުމެއްގެ ގޮތުގައެވެ.

އިސްލާމީ މަރުކަޒު މާލަން އޮތީ މިނިވަންދުވަހުގެ ރަސްމީ އިޙްތިފާލަށް ޒީނަތްތެރިކުރައްވައި ޤައުމީ ކުލަތަކުން ދިއްލައި އަލިކުރެވިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިންނާއި ފަނޑިޔާރުންނާއި ބޭރު ބައެއް ޤައުމުތަކުގެ ސަފީރުންނާއި އދ. އާއި ޑަބްލިޔޫއެޗްއޯ ފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެއިސްވެރިން ބައިވެރިވެވެޑައިގެންނެވިއެވެ. އަދި ސަލާމަތީ ބާރުތަކުގެ ވެރިންނާއި އިސް ބޭފުޅުންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ކަމުވޮށިގެންވާ ބޭފުޅުންނާއި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައއްސަސާތަކުގެ ވެރިންނާއި އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފަންނީ ޒުވާނުންނާއި އެކި ރޮނގުތަކުގެ މަޝްހޫރު އަދި މަޤްބޫލް ފަންނުވެރިންނާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއާއި މި ނޫންވެސް އިޤްތިޞާދީ އިޖްތިމާޢީ ޚިދުމަތްތެރީންނާއި ކުޅިވަރު ކުޅުންތެރިންނާއި ގިނަ ޢަދަދެއްގެ ޒުވާނުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ބޭއްވެވި މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމީ މަރުކަޒު މައިދާނަށް ޙާޟިރުވެވަޑައިގެންނެވި ބޭފުޅުން ތިއްބެވި އެކި ހިސާބަށް ރައީސުލްޖުމްހޫރިއްޔާގެ ދެކނބަލުން ހިންގަވައި، މި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވި ގިނަ ޢަދަދެއްގެ ބޭފުޅުންނާ އެދެކަނބަލުން ބައްދަލުކުރައްވައި ސަލާމްކުރައްވައި މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި ވަޑައިގެން ތިއްބެވި ބޭފުޅުންވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ދެންނެވިއެވެ. މިކަން އެތައް އިރަކަށް ދެމިގެންދިޔަކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ކުރިޔަށް ގެންދެވީ ރަސްމީ ޖާފަތަކާއެކުގައެވެ. މި ޖާފަތަކީ ވަޑައިގެންނެވި ހުރިހާ ބޭފުޅުނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް އިންތިޒާމްކުރެވިފައި އޮތް ޖާފަތެކެވެ.

މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވި ބޭރުގެ ޤައުމުތަކުގެ ސަފީރުންނާއި، ޢިއްޒަތްތެރިން ވަނީ،  ވޭތުވެދިޔަ ފަންސާސް އެއްއަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ އިޤްތިޞާދީ އަދި އިޖްތިމާއީ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފްކުރައްވާފައެވެ. އަދި ރާއްޖޭގެ ކުރިމަގު އުޖާލާވުމަށް އެދިވަޑައިގަންނަވާކަން ބަޔާންކުރައްވާފައެވެ.

ދިވެހިރާއްޖޭގައި މިއަހަރު ފާހަގަކުރަމުން މިއަންނަނީ މިނިވަންކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތެވެ. ރާއްޖެއަށް އިނގިރޭސިންގެ ކިބައިން ސިޔާސީ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގައެވެ. މިނިވަންކަން ލިބުމުން، ތަރައްޤީއަށް ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުން، މިއަދު ރާއްޖެ މިވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓް ފަހަނަޅައި ގޮސް، ތަރައްޤީވަމުން އަންނަ ޤައުމުގެ ލިސްޓްގައި ހިމެނިފައެވެ.