ކިޑްނީ ބަލީގެ އެއްވެސް އަލާމާތްތައް ފެންނަނަމަ، ވިހާވެސް އަވަހަށް ޓެސްޓްކުރުން މުހިންމުކަމަށާއި ޓެސްޓްކުރުމުން ބަލިހުރިކަން ފަސޭހައިން ދެނެގަނެވޭނެކަމަށް ކިޑްނީ ބައްޔާ ބެހޭ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.
ކިޑްނީ ބައްޔަކީ ބައެއް ދިވެހިން ތަޙައްމަލުކުރަމުން އަންނަ ވޭންހުރި ބައްޔެކެވެ. ރާއްޖޭގައި ކިޑްނީ ބަދަލުކުރުމުގެ ޚިދުމަތް ނުލިބޭތީ އާއި އެފުޞަތު ފަހިވެފައި ނެތުމުން ބައެއް މީހުން ހަފުތާއަކު 2 ފަހަރު ނުވަތަ 3 ފަހަރު ޑަޔަލިސިސްގެ ޚިދުމަތް އަންނަނީ ހޯދަމުންނެވެ.
ކިޑްނީ ބައްޔާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ނެފްރޮލޮޖީ ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ ކިޑްނީ ބަލި ޖެހިގެން 300އަށްވުރެ ގިނަ މީހުން މިހާރުވެސް ރާއްޖޭގައި ޑަޔަލިސިސް ހަދައި ކަމަށެވެ. އަދި 2 މީހަކު ޕެރިޓޯނިއަލް ޑަޔަލިސިސް ހަދާކަމަށް ޝިހާމް ވިދާޅުވިއެވެ.
"އައިޖީއެމްއެޗްގައި 130 މީހަކު ޑަޔަލިސިސް ހަދަމުންދޭ. ހުޅުމާލޭ ހޮސްޕިޓަލްގައި 55 މީހުން. ޑަޔަލިސިސްއަކީ ގަވާއިދުން ކޮންމެ ހަފްތާއަކު 2 ފަހަރު ނޫނީ 3 ފަހަރު ހަދަންޖެހޭ" ޝިހާމް ވިދާޅުވިއެވެ.
ޑރ. ޝިހާމް ވިދާޅުވީ ކިޑްނީ ބަލިޖެހި ކިޑްނީގެ ފަންގްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ނުވަތަ ފެއިލް ވުމުން ޑަޔަލިސިސް ހެދުމަކީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކުވެސް އެހާހިސާބަށް ނޮގޮސްވޭތޯ ބެލުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން ކިޑްނީ ބައްޔަށް ޓެސްޓްކޮށްފިނަމަ، ބަލި ހުރިކަން ފަސޭހަކަމާއެކު ދެނެގަނެވޭނެކަމަށާއި އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ޝައްކުކުރެވޭނަމަ އަވަހަށް ޓެސްޓްކުރުން މުހިންމުކަމަށް ޑރ. ޝިހާމް ވިދާޅުވިއެވެ.
ކިޑްނީ ބަލީގެ އަލާމާތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ނެފްރޮލޮޖީ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރ ޑރ. އައިމިނަތު މިޒްނާ ވިދާޅުވީ ބޮޑެތި އަލާމާތްތައް އާންމުކޮށް ފެންނާނީ ބަލީގެ އެންމެ ފަހު މަރުޙަލާގައި ޢާންމުކޮށް ފެންނަ ކަމަށެވެ. އެގޮތުން އާދަޔާޚިލާފަށް ވަރުބަލިވެ، ހޮޑުލެވި، ފައި ދުޅަވުން ފަދަ ކަންކަމަށް ޚާއްސަ ސަމާލުކަން ދޭންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވ.
"ހަކުރު ބަލި ހުންނަ މީހެއްނަމަ ހަކުރު ބަލި ކޮންޓްރޯލްކުރަން މަސައްކަތްކުރުން ވަރަށް މުހިންމު. ކަސްރަތުކޮށް، ކެއުންވެސް ޑޮކްތަރުންގެ ލަފާގެ މަތިން ބައްޓަންކުރަންވާނެ. ލޭގެ ޕްރެޝަރވެސް ކޮންޓްރޯލްކުރުން މުހިންމު" ޑރ. މިޒްނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކިޑްނީ ބަލި ޖެހެ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ހަކުރި ބަލި ހުންނަ މީހުންނަށެވެ. އަދި ޅަފަތުގައި ދިމާވާ ކަމަކުންވެސް ކިޑްނީ ބަލި ޖެހެއެވެ. މި ބަލިން ރައްކާތެރިވުމުގެ ގޮތުން ކަސްރަތުކުރުމާއި ލޭގެ ޕްރެޝަރަށް ބަލައިގެން، މިންހެޔޮ ކާނާ ބޭނުންކުރުމަކީ އަބަދުވެސް ޑޮކްޓަރުންކުރައްވާ އިލްތިމާސެކެވެ.
ރާއްޖޭގައި ކިޑްނީ ބައްޔަށް ފަރުވާކުރަން ފެށީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ބައްޔަށް ފަރުވާދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ރާއްޖެއިން ވަނީ ހޯދާފައެވެ. ނަމަވެސް އަދިވެސް ރާއްޖޭގައި ކިޑްނީ ބަދަލުކުރުން، ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް ނުދެވެއެވެ. އެކަމަށްޓަކައި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއެކު ޔޫއޭއީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް ފެށުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.