ވިޔަފާރި

ކުރީގެ ނޫޓުތައް ފިހާރަތަކުން ބަލައިނުގަންނަ މައްސަލަ


ކުރީގެ ފައިސާގެ ނޫޓުތައް ފިހާރަތަކާއި ރެސްޓޯރެންޓުފަދަ ތަންތަނުން ބަލައިނުގަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، މިމަހުގެ އެއްތިރީހުގެ ނިޔަލަށް އެފަދަ ތަންތަނުން ކުރީގެ ނޫޓުތައް ބަލައިގަންނަން ޖެހޭނެ ކަމަށް މަރުކަޒީ ބޭންކުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއީން މަޢުލޫމާތުދެއްވާގޮތުގައި، ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް ކުރިއަށް އޮތުމުން، ވިޔަފާރިކުރާ ތަންތަނުން ކުރީގެ ނޫޓު ބަލައި ނުގަންނަ ކަމުގެ ޝަކުވާ އެބޭންކަށް ލިބެމުންދާކަމަށެވެ. އަދި މިމަހުގެ އެއްތިރީހުގެ ފަހުންވެސް އޭޓީއެމް ޑިޕޮސިޓް މެޝިންތަކުންނާއި ރާއްޖޭގެ ބޭންކުތަކުން ރަންދިހަ ފަހެއްގެ ނޫޓަށް ބަދަލުކުރެވޭނެ ކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއްވައެވެ. އަދި އަންނަ އޮގަސްޓް މަހުގެ ނިއަލަށް ކުރީގެ ނޫޓުތަކަކީވެސް ލީގަލް ޓެންޑަރ ކަމަށްވުމުން، ކުރީގެ ފައިސާ ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުން ޤަބޫލްކުރަން ޖެހޭނެ ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭއިން ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުދުވަހު އެމްއެމްއޭއިން ކުރީގެ ނޫޓުތައް ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.

ކުރީގެ ފައިސާގެ ނޫޓުތައް ފިހާރަތަކާއި ރެސްޓޯރެންޓުފަދަ ތަންތަނުން ބަލައިނުގަންނަ ކަމުގެ މަޢުލޫމާތެއް ލިބޭކަމުގައިވާނަމަ އެބޭންކުގެ ހޮޓްލައިން ނަމްބަރ 7971005 އަދި 9191005 އަށް އެފަދަ ޝަކުވާތައް ހުށަހެޅުވުމަށް އެމްއެމްއޭއިން އެދިލައްވައެވެ.

ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާގެ ތެރެއިން، 2015 އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ 2 ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ އަދި 500 ރުފިޔާގެ ހުރިހާ ކަރުދާސް ނޫޓުތަކަކީ، 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވާ ހޯމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ނޫން ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް ކުރީގެ 5 ރުފިޔާގެ ނޫޓު، އެމްއެމްއޭއިން ވަކި ގޮތެއް އަންގަންދެން ރަންދިހަފަހެއް ނޫޓުތަކާއި އެކު ބޭނުން ކުރެވޭނެ ކަމަށް މަރުކަޒީ ބޭންކުން ހާމަކުރައްވައެވެ.

ކުރީގެ ކަރުދާސް ނޫޓުތަކުގެ ތެރެއިން ފަސްރުފިޔާގެ ނޫޓް ފިޔަވައި އެހެން ނޫޓް ފަހުގެ ނޫޓަށް ބަދަލުކޮށްދެއްވުމަށް އެމްއެމްއޭއިން އަތޮޅުތަކަށްވެސް ދަނީ ޒިޔާރަތްކުރައްވަމުންނެވެ.