ކުޅިވަރު

އަލޮންސޯ ސަޕޯޓަރުންނަށް: ކެތްތެރިވޭ! 9 ދުވަހުން ވާނެ ކަމެއްނެތް


ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ކެތްތެރިވެ ތިބުމަށް އައު ކޯޗު ޒަބީ އަލޮންސޯ ގޮވާލައިފި އެވެ.

އޭނާ މި ފަދައިން ގޮވާލީ ކުލަބު ވޯލްޑް ކަޕުގައި ރޭ ސައޫދީ އަރަބިއާގެ އަލް ހިލާލް އަތުން 1-1އިން އެއްވަރުވި މެޗަށް ފަހު އެވެ. ރެއާލް ލީޑް ހޯދާފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން އަލް ހިލާލް އެއްވަރުކުރި އެވެ. އެކަމަކު މެޗުން ރެއާލް އަށް މޮޅު ނުވެވުނީ ފަހު ވަގުތު ލިބުނު ޕެނަލްޓީ ވަލްވާޑޭ އަތުން ނާކާމިޔާބު ވުމުންނެވެ.

ރޭގެ މެޗަކީ އަލޮންސޯގެ ފުރަތަމަ މެޗެކެވެ. އޭނާ ޓީމާ ހަވާލުވެ ފުރަތަމަ ޕްރެކްޓިސް ކުރީ މި މަހުގެ 9 ވަނަ ދުވަހު އެވެ. މެޗަށް ފަހު އޭނާ ބުނީ އެންމެ ނުވަ ދުވަހު ޕްރެކްޓިސް ކޮށްގެން ޓީމު ބަދަލު ނުކުރެވޭނެ ކަމަށެވެ.

"އަހަރުމެން ފުރަތަމަ ހާފުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހުނު. ބެލެންސެއް ނޫން. ފަހު ހާފުގައި ގިނަ ކަންކަން ރަނގަޅުވި. އެކަމަކު އެންމެ 9 ދުވަހުން ކަންކަން ރަނގަޅު ނުކުރެވޭނެ. ބައެއް ކުޅުންތެރިން މެޗު ކުޅުނީ އެންމެ ތިން ޕްރެކްޓިސް ކޮށްފައި. އަހަރެން އެދެނީ ސަޕޯޓަރުން ކެތްތެރިވުމަށް. މިއީ ފެށުމެއް. އަހަރުމެން މިދަނީ މި ޓީމު ބަދަލު ކުރަމުން،" އަލޮންސޯ ބުންޏެވެ.

ބަޔާ ލެވަކޫސަން ދޫކޮށް ރެއާލް އާ ހަވާލުވި އެ ކުލަބުގެ ކުރީގެ މިޑްފީލްޑަރު ބުނީ ތައްޓެއް ނުލިބިދިޔަ ސީޒަނަކަށް ފަހު ރެއާލްގެ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ ކަމަށެވެ.

"އަހަރެންނަށް އެނގޭ ބަދަލު ކުރަން ވަގުތ ބޭނުންވާކަން. އަހަރުމެން ވަރަށް ގިނަ ކުޅުންތެރިންގެ ކުޅުން ވެސް ރަނގަޅު ކުރުވަން ޖެހޭ. ކޮންމެ ކަމަކަށް ވެސް ވަގުތުތަކެއް ބޭނުންވާނެ. ދެން މުބާރާތެއްވީމާ ވާދަވެރި ކަމާއި ސަޕޯޓަރުން ބޭނުންވާ ކަންކަން ވެސް ހުންނާނެ. އެކަމަކު އަހަރުމެން ކުރި އަށް ދާން ޖެހޭނީ ދަސް ކުރަމުން. މިކަމަށް ވަގުތު ބޭނުންވޭ،" އަލޮންސޯ ބުންޏެވެ.

އެމެރިކާގައި މިހާރު ކުރި އަށް ދާ މުބާރާތުގައި ރޭ ކީލިއަން އެމްބާޕޭ އިނީ ކުޅިބަލާށެވެ. އެއީ އޭނާ އަށް އަނިޔާވެފައިވުމުންނެވެ. އަލޮންސޯ ބުނީ ހުސްވި ސީޒަނުގައި 43 ގޯލު ޖެހި ފޯވަޑް ކުރި އަށް އޮތް މެޗުގައި ވެސް އެމްބާޕޭ ކުޅޭނެކަން މުޅިން ޔަގީން ނޫން ކަމަށެވެ.