ކުޅިވަރު

ހޫނު ގަދަވެ، ކުޅުންތެރިން "ފިހެނީ،"، ކަރުހިއްކައި، އަނބުރައިގަނެ ވެއްޓިދާނެތީވެ ގެއަށް


ފީފާ ކުލަބު ވޯލްޑް ކަޕުގެ މެޗުތައް ގަދަ ހޫނުގައި ކުޅުމުގެ ސަބަބުން ކުޅުންތެރިންނަށް ސިއްހީ ގޮތުން މައްސަލަތައް ދިމާވާތީވެ ފީފާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައިދޭން ފުފް ޕްރޯ އާއި ޕީއެފްއޭއިން އެދިއްޖެ އެވެ.

މި ދެ ޖަމާއަތަކީ ވެސް ކުޅުންތެރިންގެ ހައްގުގައި މަސައްކަތް ކުރާ ދެ ޖަމާއަތެވެ.

މި ދެ ޖަމާއަތުން ބުނީ އޮފް ސީޒަނުގައި 32 ޓީމު ބައިވެރިކޮށްގެން އެމެރިކާގައި މިހާރު ކުރިއަށް ގެންދާ މުބާރާތަކީ އޭގެ ސަބަބުން ފުޓްބޯޅަ ކަލަންޑަރު ބާރު ބޮޑުވެ، ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު މަދުވެ، އިތުރު ލޮޑުކަމެއް ގެނުވާނެ ކަމެއް ކަމަށެވެ. އަދި ހަތަރު ހަފުތާ އަށް ދިގުދެމިގެންދާ މުބާރާތް އެމެރިކާގެ ގަދަ ހޫނުގައި ކުޅެން ޖެހުމުން ކުޅުންތެރިން ފިހެމުންދާ ކަމަށެވެ.

މި ދެ ޖަމާއަތުގެ އިތުރުން ކުޅުންތެރިންނާއި ކުލަބުތަކާއި ކޯޗުންނާއި ސަޕޯޓަރުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މުބާރާތުގެ އެތްލެޓިކޯ މެޑްރިޑް އަތުން ފްރާންސްގެ ޕީއެސްޖީ 4-0އިން މޮޅުވި މެޗު ކުޅުނީ 32 ޑިގްރީ ސެލްސިއަސްގަ އެވެ. މެޗަށް ފަހު އެތްލެޓިކޯގެ މާކޯސް ލޮރަންޓޭ ބުނީ އަނގަމަތި ހާސާކޮށް އޮތް ދަނޑަށް އިރުގެ ހޫނުކަން އެޅިފައި ހުރީ އާދަޔާ ހިލާފަށް ކަމަށެވެ. އަދި އެ ހޫނުގެ ސަބަބުން އޭނާގެ ފައިގެ އިނގިލިތަކަށް ތަދުވެ، ނިޔަފަތިތައް ލުހިގެން ހިނގައިދާނެހެން ހީވި ކަމަށެވެ.

މި މެޗަށް ދަނޑަށް ވަން ސަޕޯޓަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ދަނޑަށް ވަނުމަށް ގަދަ ހޫނުގައި ކިޔޫގައި އެތައް ވަގުތަކު ތިބެން ޖެހުމުންނެވެ. އަދި އިށީނދެގެން ދަނޑު ބޭރުގައި ތިބެލެވޭނެ މާގިނަ ވަސީލަތްތަކެއް ނެތުމާއި ބޯފެން ހިފައިގެން ދަނޑުގެ ބައެއް ގޭޓްތަކުން އެތެރެވާން ގިނަ ހުރަސްތަކެއް ކުރިމަތިވުމުންނެވެ. އަދި ހޫނު ގަދަވެ، ކަރުހިއްކައިގަތުމާއި އަނބުރައިގަނެގެން ވެއްޓިދާނެތީވެ އެތައް ބަޔަކު ވަނީ ފަހު ހާފު ފެށުމުގެ ކުރިން ދަނޑުން ނުކުމެގެން ގޮސްފަ އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނަނީ އަންގާރަ ދުވަހު ރެއާލް މެޑްރިޑާއި އަލް ހިލާލް މެންދުރުން އަނބުރައި ތިނެއް ޖެހާއިރު ފެށި މެޗު ކުޅުނީ 32 ޑިގްރީ ހޫނުމިނުގައި ކަމަށާއި ވައިގެ ތެތްކަން ހުރީ 70 ޕަސެންޓްގައި ކަމަށެވެ. މިހެންވެ ފިފްޕްރޯއިން ވަނީ މިއީ ރައްކާތެރި މާހައުލެއް ނޫން ކަމަށް ބުނެ މެޗު ޝެޑިއުލް ފިނި ވަގުތުތަކަށް ބަދަލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

"ފިފް ޕްރޯއިން މި އަންނަނީ މި ހޫނުގައި ނުކުޅެ، ފިނި ގަޑިތަކަށް މެޗުތައް ޝެޑިއުލް ކުރަން އެދެމުން. ހާއްސަކޮށް އޯލާންޑޯ އާއި މިއާމީ ފަދަ އާދަޔާ ހިލާފަށް ހޫނު ސިޓީ ތަކުގައި ކުޅޭ މެޗުތަކުގައި ދޭ ވޯޓް ބްރޭކްތައް ވެސް ގިނަ ކުރަން ވާނީ އެދިފައި. އަހަރުމެން ކުޅުންތެރިންގެ ސިއްހީ ކަންކަމަށް ވަރަށް ބޮޑަށް އެބަ ކަންބޮޑުވޭ،" ފިފް ޕްރޯއިން ބުނެފައިވެ އެވެ.

މުބާރާތް އޮބްޒާވް ކުރަމުންދާ އިނގިރޭސި ގައުމީ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ކުޅުންތެރިން ތަޖުރިބާ ކުރަމުންދަނީ އާދަޔާ ހިލާފު އުނދަގޫ ތަކެއް ކަމަށް ބުނެފަ އެވެ.