ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ސައުދި އަރަބިއްޔާގެ އަލް ހިލާލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މަޔާމީ ހާޑް ރޮކް ސްޓޭޑިއަމްގައި ފަސްދޮޅަސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޒަބީ އަލޮންސޯ ވަނީ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ކުރީކޮޅު އަލް ހިލާލް އިން ރެއާލް މެޑްރިޑް ކޮޅަށް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން 15 ފަހަރު މަތިން ހޯދާފައިވާ ރެއާލް މެޑްރިޑް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި އަރިމަތިން ރޮޑްރިގޯ ދިން ބޯޅަ އަކުން ގޮންޒާލޯ ގާސީޔާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އަލް ހިލާލް އަށް ލިބުނު ޕެނަލްޓީ އަކުން ރުބެން ނަވާސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަލް ހިލާލްގެ ކޯޗު ކަމާއި އަލަށް ހަވާލުވި އިޓަލީގެ ސިމޮން އިންޒާގީގެ އިރުޝާދުގެ ދަށުން އެ ޓީމުން ރަގަޅު ކުޅުމެއް ދައްކާފައިވާއިރު މި މުބާރާތާއި އެ ޓީމުން ކުރިމަތިލާފައިވަނީ އިތުބާރު ފޯވަޑް އެލެކްޒެންޑަރ މިޓްރޮވިޗް އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާ ނުލައެވެ.
ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް ގަދަ ހުމެއް ޖެހުމުގެ ސަބަބުން އޭނާ މި މެޗުގައި ކުޅެފައިނުވާއިރު އެ ޓީމުގެ ފޯވަޑް ލައިނުން ވަނީ އޭނާ ނެތްތަން ވަރަށް ބޮޑަށް ދައްކާފަ އެވެ.
މި މެޗުން މޮޅުވުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ލިބުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ފެޑެރީކޯ ވަލްވާޑް ފޮނުވާލުމުން އަލް ހިލާލްގެ މޮރޮކޯ ކީޕަރު ޔަސީން ބޯނޯ ވަނީ ޕެނަލްޓީ މަތަކޮށް އެ ޓީމަށް ޕޮއިންޓެއް ހޯދަދީފަ އެވެ.