ޤައުމުގެ ކަންކަން ބިނާކުރައްވައި، މުޅިދައުލަތް ހިނގާނެގޮތުގައި މަތިން ކަންކަން ރޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުންވެސް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ ޤައުމު އާރާސްތު ކުރެއްވުމުގެ މަސައްކަތްޕުޅުކަމަށެވެ. އަދި ވެރިކަމާ ޙަވާލުވެވަޑައިގަތްއިތު ރާއްޖޭގެ ތަރައްޤީ ހުއްޓިފައިވާކަމަށާއި، ޢުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތައް އަލުންފެއްޓެވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންނެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރައްވާފައިވަނީ ދައުލަތް ބިނާކުރެއްވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ނުކުރެވި ވަނިކޮށްކަމަށާއި، މިއީވެސް ސަރުކާރުން އިސްކަން ދެއްވައިގެން ކުރައްވަން ޖެހިވަޑައިގެންނެވި ބުރަ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތަރައްޤީވަމުންއަންނަ ދުނިޔެއާ ފައި ހަމަކުރުމަށް އިޤްތިޞާދީ ދާއިރާއިން ކުރިއެރުން ހޯއްދެވުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށާއި، ވެރިކަމުގެ ދެއަހަރާއި ބައި ފާއިތުވެގެން ދިޔައިރު އެދާއިރާއިންވެސް ބޮޑެތި ކުރިއެރުންތަކެއް ޙާޞިލްކުރެއްވިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދެމެއްޓެނިވި ގޮތުގައި މިކަން ކުރިއަރުއްވަމުން ދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނުގެ ވެރިކަމުގައި ހޯއްދެވި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޢުމްރާނީ އަދި އިޤްތިޞާދީ އަދި އިޖްތިމާއީ ދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަކީ ރައްޔިތުންގެ މުސްތަޤްބަލް ފާގަތިކޮށްދެއްވައި، ރާއްޖެއަށް އިޤްތިޞާދީ ފުދުންތެރިކަން ހޯއްދަވައިދެއްވުމުގެ މަސައްކަތްޕުޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.