ޚަބަރު

ދުނިޔޭގެ ލޭ ހަދިޔާކުރާމީހުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފި


  • މިއީ މާލެސިޓީ ގްރޫޕްއޮފް ހޮސްޕިޓަލްސްގެ އިސްނެގުމާއެކު ކުރިއަށްގެންދިޔަ ހަރަކާތެއް

  • މިއަހަރުގެ ޝިއާރަކީ، "ގިވް ބްލަޑް، ގިވް ހޯޕް، ޓުގެދާ ވީ ސޭވް ލައިވްސް"

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ލޭހަދިޔާކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި ކުރިއަށްދިޔަ މިހިނގާލުމަކީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްނެގުމާއެކު، ޞިއްޙީ ވުޒާރާއާއި މާލެ ސަރަޙައްދުގެ ހުރިހާ ހޮސްޕިޓަލްތަކާއި، އެހެނިހެން ޖަމްޢިއްޔާތަކުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހިނގާލުމެކެވެ.

މިހިނގާލުމުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހިމް ބައިވެރިވެވަަޑައިގެންނެވިއެވެ.

ގިނަބަޔަކު ބައިވެރިވި މިހިނގާލުމުގައި ލޭ ހަދިޔާކުރާމީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ބެނަރތަކާއި ބޯޑުތައް ހިފައިގެން ޝުޢޫރު ފާޅުކޮށްފައެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މިހިނގާލުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަަށް މަޢުލޫމާތުދެއްވަމުން ހުޅުމާލެ ހޮސްޕިޓަލްގެ ހެޑް އޮފް ލެބޯރެޓަރީ ފާތިމަތު ސައުސަން ވިދާޅުވީ، މިފަދަ ހިނގާލުމެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ލޭ ހަދިޔާކުރާ މީހުންގެ އަގު ވަޒަންކުރުންކަމަށެވެ.

"މިފަދަ ހިނގާލުމެއްގެ އެންމެ މުހިންމު އެއް މަޤްސަދަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ އެމީހުންގެ އަގު ވަޒަންކޮށް، އިތުރަށް ވޮލެންޓިއަރކޮށް ލޭ ހަދިޔާކުރާނެ މީހުންގެ އަދަދު އިތުރުކުރުން". ހުޅުމާލެ ހޮސްޕިޓަލްގެ ހެޑް އޮފް ލެބޯރެޓަރީ ފާތިމަތު ސައުސަން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ، "ގިވް ބްލަޑް، ގިވް ހޯޕް، ޓުގެދާ ވީ ސޭވް ލައިވްސް" މިއެވެ.

ވޯލްޑް ބްލަޑް ޑޯނާރ ޑޭ ނުވަތަ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހަކީ ލޭހަދިޔާ ކުރުމުގެ މުހިންމުކަމާއި، މިއިން ލިބޭ ފައިދާ އަދި ރައްކާތެރި ގޮތުގައި ލޭ ހަދިޔާކުރުމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މީގެއިތުރުން ލޭ ހަދިޔާ ކުރާ މީހުންގެ އަގުވަޒަން ކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ ބޭނުމެކެވެ.