ޚަބަރު

"އެސޯސިއޭޝަންތައް ދެފުށް ފެންނަ ގޮތަށް ހިންގުމަށް އެމްއޯސީން ދަނީ ނަމޫނާ ދައްކަމުން"


ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ދެފުށްފެންނަ ގޮތަކަށް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ނަމޫނާ ދައްކަމުންދާ ކަމަށް އެ ކޮމިޓީގެ ރައީސް މުޙައްމަދު އަބުދުލް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

އެމްއޯސީގެ އައު އެކްސްކޯ އިންތިހާބުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސައްތާރު ވިދާޅުވީ އެމްއޯސީން ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި މަޝްވަރާކުރައްވައިގެން ހުރިހާ އެސޯސިއޭޝަންތައް ބަރާބަރަށް އޮޑިޓްކުރުން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރާކަމަށެވެ.

އަދި އޮޑިޓްކުރުމަކީ ބަރާބަރަށް ކުރެވޭނެ ކަމެއްކަން އެމްއޯސީން ގެންދަނީ ދައްކަމުން ކަމަށާއި، ޖެނުއަރީގައި އެއިދާރާގެ އޮޑިޓް ނިންމާފައިވާކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ. އެކަމުގައި އެސޯސިއޭޝަންތަކަށް އެމްއޯސީން އެއްބާރުލުން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެކަން ކުރިޔަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން. މިދަނީ އޮލިމްޕިކް ކޮމިޓީން ދައްކުވައިދެމުން މީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްކަން. މިސާލަކަށް އަޅުގަނޑުމެންގެ އޮޑިޓް ނިންމައިފިން ޖެނުއަރީގައި. މީތި މިދައްކަނީ އަދި ވަރަށް ދެފުށް ފެންނަ ގޮތަކަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ" ސައްތާރު ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީން އަމަލުކުރާގޮތް ފެނުމުން އެސޯސިއޭޝަންތަކުން އެކަންކަން ބަލާ އެކޮމިޓީ އާއި އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށްވެސް ސައްތާރު ވިދާޅުވިއެވެ. އަދި އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މިދިޔަ އަހަރާއި މިއަހަރުވެސް މެނޭޖްމެންޓާއި ބެހޭ ކޯސްތަކެއް ހިންގުނު ކަމަށް ސައްތާރު ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީއަކީ ހިނގުން ހަރުދަނާކޮށް ވަރަށް ދެ ފުށްފެންނަ ގޮތަކަށް މަސައްކަތް ކުރާތަނެއް ކަމަށާއި، އެމްއޯސީގެ ހުރިހާ ނިންމުންތަކާއި ކުރާ ހަރަދުތައް ކޮންމެ މަހަކުވެސް ފެންނަން ހުންނާނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.

"ކޮންމެ މަހަކު އެބަ ބާއްވަން ބައްދަލުވުމެއް. ކުރާ ހަރަދެއްވިއްޔާ އެކްސްކޯއަށް ފެނިގެންދާނެ ކޮންމެ މަހަކު އެއްފަހަރު. މީ އޮލިމްޕިކް ކޮމިޓީ ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ ކަމެއް. މިއެއްޗެހި ފެނުނީނަ ހީވަނީ އެސޯސިއޭޝަންތަކުންވެސް މިކަންކަން ފޮލޯ ކުރާނެހެން" ސައްތާރު ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓްގެ ކަންތައްތައް ވަރަށް ބޮޑަށް ކުރިޔަށް ގެންދަވާ ކަމަށާއި، އެކްސްކޯގައި ތިއްބަވާ ބޭފުޅުންނަށްވެސް އެކަންކަން ފެނި އެއާއެއްގޮތަށް އެސޯސިއޭޝަންތައް ހިންގުމުގައި
އަމަލުކުރާނެހެން ހީވާ ކަމަށް ސައްތާރު ވިދާޅުވިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ހިންގުމުގައި ހުންނަ މައްސަލަތަކެވެ. އަދި ފައިސާ މެނޭޖް ކުރުމާއި އޮޑިޓް ރިޕޯޓްތައް ހެދުމުގައި ދިމާވާ މައްސަލަތަކެވެ. މިކަމުގެ ސަބަބުން ބައެއް އެސޯސިއޭޝަންތަކުގެ ހިންގުމަށް ވަރަށް ބޮޑަށް އަސަރުކޮށް ހިންގުމުގައި ގިނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

އެހެންނަމަވެސް އަލަށް އަމަލުކުރަން ފަށާފައިވާ ކުޅިވަރު ގާނޫނުގެ ދަށުން މިކަން ހައްލުވެގެންދާނެ ކަމަށް އެމްއޯސީން ގަބޫލުކުރެއެވެ.