ކުޅިވަރު

އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދައިފި


ސަލްސާ ވީއޭއެމް އެސޯސިއެޝަން ކަޕްގެ އަންހެން ބައިގައި ޗެމްޕިއަންކަން ޕޮލިސް ކުލަބް ހޯދައިފިއެވެ. ޕޮލިސް ކުލަބް މިމުބާރާތުގެ ޗެމްޕިއަންކަން މިހޯދީ ރޭ ކުޅެޗުނު ފައިނަލް މެޗްގައި މޯލްޑިވިއަންއާ ވާދަކޮށް ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. 



މެޗްގެ ފުރަތަމަ ސެޓް މޯލްޑިވިއަން ގެންދިޔަ ނަމަވެސް ޖެހިގެން އައި ތިން ސެޓްވެސް ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބުންނެވެ. ފުރަތަމަ ސެޓް މޯލްޑިވިއަން ގެންދިޔައީ 24-26 އިންނެވެ. ޖެހިގެންއައި ތިން ސެޓް ޕޮލިސް ކުލަބް ގެންދިޔައީ 20-25 ، 24-26 އަދި 18-25 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ.

img:http://s1.psmnews.mv/images/660x400/14694280512933.jpg|

މިމުބާރާތުގެ ޑްރީމް ޓީމްގައި ހިމެނެނީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާ، ލީލާ ހަމީދު، ހައްވާ ސަހާ، ފާތިމަތު ޖޫޒާން އަދި މޯލްޑިވިއަންގެ އައިޝަތު މާޖިދާއާ އައިޝަތު ޝައްފައެވެ. މިޓީމްގެ ލިބަރޯއަކީ ޕޮލިސް ކުލަބްގެ މުއީނާ ހަސަންއެވެ. ޑްރީމް ޓީމްގެ ކޯޗަކީ ޗެމްޕިއަން ޕޮލިސް ކުލަބްގެ މަޢުމޫރު މުހައްމަދުއެވެ.

މުބާރާތުގެ ފެއާރ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ އައިޝަތު އިމްތިނާންއެވެ. ނަވާރަ އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވޮފައިވަނީ ޕޮލިސް ކުލަބްގެ އާމިނަތު ރިޔާޝާއެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ އާމިނަތު އަރީޝާއެވެ. މިމުބާރާތުގެ ފެއާރ ޕްލޭ ޓީމަކީ ޕޮލިސް ކުލަބެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ.