ޚަބަރު

އަނިޔާ ލިބޭ އަންހެނުންނަށް، ޚާއްސަ އިތުރު ވަގުތީ ހިޔާތަކެއް ތަރައްޤީކުރަނީ


  • އިތުރު 3 ވަގުތީ ހިޔާ ތަރައްޤީކުރުމަށް ނިންމާފައިވޭ

  • މިހާރު ހުރީ މިފަދަ އެންމެ ހިޔާއެއް

އަނިޔާ ލިބޭ އަންހެނުންނަށް ޚާއްސަކޮށްގެން އިތުރު ވަގުތީ ހިޔާތަކެއް ތައްޔާރުކުރަމުންދާކަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ "ޑޮމެސްޓިކް ވަޔަލަންސް ޝެލްޓާ"ގެ ނަމުގައި އިތުރު ތިން ވަގުތީ ހިޔާ ތައްޔާރުކުރަމުންދާކަމަށެވެ. މިވަގުތު ރާއްޖޭގައި މިފަދަ ހާލަތްތަކަށް ޤާއިމުކުރެވިފައި ހުރީ އެންމެ ހިޔާއެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދަދަށް ބަލާއިރު މުޖުތަމަޢަށް މިފަދަ އިތުރު ތަންތަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެފަދަ ތަންތަން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި ހުރީ އެންމެ ހިޔާއެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހުށަހެޅޭ މައްސަލަތަކުގެ ނަމްބަރުތަކަށް ބަލާއިރު މުޖުތަމަޢަށް އެބަ ބޭނުންވާކަން މިކަހަލަ ތަންތަން" އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިހާމް ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ އޭޕްރިލް މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 44 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 24 މައްސަލައާއި، ނަފްސާނީ އަނިޔާ ކުރުމާއި އަނގަ ބަހުން ކުރެވޭ އަނިޔާގެ 8 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 5 މައްސަލައެއްވެސް ހިމެނެއެވެ. އަދި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކުގެ 40 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އަންހެނުންނަށް ލިބޭ އެފަދަ އަނިޔާތަކުން އެމީހުން ސަލާމަތް ކުރުމަށް ނުވަތަ އެކަމުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނައިރު އަންހެނުން ބާރުވެރިކުރުމަށްވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ބަޔަކަށް ހެދުމުގެ ގޮތުން އަންހެނުންނަށް ޚާއްސަކޮށްގެން ލޯނުވެސް އަންނަނީ ދޫކުރަމުންނެވެ. އަދި މީގެ ތެރެއިން ވަކި އިންސައްތައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ޚާއްސަކުރެއެވެ.