ޚަބަރު

ބަލިތައް ފެތުރޭތީ ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް އެއަރޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް އިލްތިމާސްކޮށްފި


  • ޙައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައި

ޙައްޖުގެ އަޅުކަން އަދާކޮށް ރާއްޖެ އެނބުރި އަންނަ ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް އެއާޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕުރޮގްރާމްގައި މިހާރު ފެތުރެމުންދާ ރޯގާތައް، އަދި ޙައްޖުން އެނބުރިއައުމަށްފަހު ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން ވަހާކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުޙައްމަދު ހަމްޒަތު ވިދާޅުވީ، ޙައްޖުން އެނބުރި އަންނަ މީހުން ރޯގާ ޖެހިފައިވާނަމަ މާސްކު އަޅައިގެން އައުމަށް ސަމާލުވާންޖެހޭކަމަށެވެ. އަދި ރާއްޖެ އައިސް 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން، ނޭވާ ދަތިވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަށް ވިދާޅުވިއެވެ.

ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދޭންވާނެކަމަށްވެސް ހަމްޒަތު ވިދާޅުވިއެވެ.

"ރަނގަޅު މައުލޫމާތު ޑޮކްޓަރުންނަށް ދިނުމަކީ ވަރަށް މުހިންމު ކަމެއް. ހާއްސަކޮށް ހައްޖުން ވަޑައިގަންނަވާ ބޭފުޅުން މީއެއްވެސް އަލަމާތެއް ފެނިގެން ހެލްތު ފެސިލިޓީއަކަށް ގޮއްސިކަމުގަ ވަނީނަމަ މި މައުލޫމާތުތައް ދިނުން ވަރަށް މުހިންމު" އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުހައްމަދު ހަމްޒަތު ވިދާޅުވިއެވެ.

ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވެސް ވިދާޅުވީ، ހައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވާންޖެހޭކަމަށެވެ. ޚާއްސަގޮތެއްގައި ފުރަތަމަ ހަފުތާގައި ގިނަ މީހުން އަދި ބަލިމީހުން ގެނެސްގެން އެއްވުންތައް ބޭއްވުމަކީ ޞިއްޙީގޮތުން ރައްކާތެރިކަމެއްނޫންކަން ޑރ. އިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރޯގާގެ އަލާމާތްތައް ހުރި މީހުން މާސްކު އެޅިނަމަވެސް މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށްވެސް ޑރ. އިޔާޒު އިލްތިމާސްކުރެއްވިއެވެ. މިއީ ރޯގާ އިތުރަށް ފެތުރުން ހުއްޓުވުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަމަށް މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދިޔަ ދިވެހިން މިމަހުގެ 13 ވާ ހުކުރު ދުވަހުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެއެވެ. ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހެއްގެ މަތިން 4 ފްލައިޓެއްގައެވެ.