ޚަބަރު

ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީން ދަނީ ޖަރީމާތައް ހިންގަމުން: އދގެ ކޮމިޝަން


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ގަސްދުގައި މަދަރުސާތަކާއި މިސްކިތް ފަދަ ތަންތަނުގައި ތިބި ޢާންމުންނަށް ޙަމަލާދީ ޝަހީދު ކުރަމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ މާހިރުންގެ ޕެނަލަކުން ހާމަކޮށްފިއެެވެ. ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދިރާސާ ކުރުމަށް އުފައްދާފައިވާ އދގެ ޚާއްޞަ ކޮމިޝަނުން ބުނީ ޔަހޫދީންގެ ޤަތުލުޢާންމުން ސަލާމަތްވުމަށް މަދަރުސާތަކާއި މިސްކިތް ފަދަ ތަންތަނުގައި ދިރިއުޅެމުންދާ މީހުންނަށް ގަސްދުގައި ޙަމަލާ ދެމުންދާ ކަމުގައެވެ. އަދި، އެއީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ރާވައިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެއް ކަމުގައެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދިރާސާ ކުރުމަށް ފަހު އެ ކޮމިޝަނުން ދަނީ އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ކައުންސިލަށް ޖޫން 17ވަނަ ދުވަހު ރިޕޯޓެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. "ގަސްދުގައި ރާވައިގެން ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަމުގެ އިތުރު ހެކިތައް ދަނީ ހާމަވަމުން،" އެ ކޮމިޝަންގެ ރައީސާ ނަވީ ޕިއްލޭ ވިދާޅުވިއެވެ.

ޕިއްލޭއަކީ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. "އިސްރާއީލުން ތަޢުލީމު ދޭ މަރުކަޒުތަކާއި، ސަޤާފީ މަރުކަޒުތަކުގެ އިތުރުން މިސްކިތް ފަދަ ދީނީ ތަންތަނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ މިހާރުގެ ޖީލާއި ކުރިއަށް އަންނަން އޮތް ޖީލަށް ނުރައްކާވޭ، އަދި އަމިއްލަ ދައުލަތެއްގައި ދިރިއުޅުމުގެ ޙައްޤުން މަޙްރޫމުވެގެންދޭ،" އޭނާ ވިދާޅުވިއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގައި، މަދަރުސާތަކާއި ސަޤާފީ ތަރިކަތަކާއި މިސްކިތް ފަދަ ތަންތަނަށް ގަސްދުގައި ޙަމަލާތައް އަމާޒު ކުރަމުންދާ ސަބަބު ދެނެގަތުމަށް އދގެ ޚާއްޞަ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ. އަދި، އެ ތަންތަނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރަމުންދާ މިންވަރު ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އދގެ މާހިރުންގެ ޓީމުން ބުނެފައި ވަނީ، ޣައްޒާގެ މަދަރުސާތަކާއި ޔުނިވަރސިޓީތަކުގެ ތެރެއިން %90 ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. އަދި، މިސްކިތްތަކާއި އެހެނިހެން ދީނީ އިމާރާތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ.

"ޔަހޫދީ ފައުޖުން ދަނީ ހަނގުރާމައިގެ ކުށްތައް ހިންގަމުން، ގަސްދުގައި ޢާންމުން ޝަހީދުކޮށް ނެތި ކޮށްލުމަށް މަދަރުސާ ފަދަ އިމާރާތްތަކަށް ޙަމަލާތައް އަމާޒު ކުރަމުން. މަދަރުސާތަކާއި މިސްކިތް ފަދަ ތަންތަނުގައި ޙިމާޔަތް ހޯދަމުންދާ މީހުން ޝަހީދު ކުރުމަކީ އިންސާނީ ނަސްލެއް ނައްތައިލުމަށް ހިންގާ ޖަރީމާއެއް،" އެ ކޮމިޝަނުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 54,000އަށް އުފުލިފައިވާ ކަމުގައި އެ ސަހަރުގެ ޞިއްޙީ އިދާރާއިން ހާމަކުރިއެވެ. ނަަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، އުމޫރުންނެވެ.