ސިއްހަތު

އައި.ޖީ.އެމް.އެޗްގައި ޑިޖިޓަލް އެކްސްރޭގެ ޚިދްމަތް ފަށައިފި


އައި.ޖީ.އެމް އެޗުން ޞިއްޙީ ފަރުވާ ހޯދަމުން އަންނަމީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވާއިރު، އެތަނުން ޚިދްމަތް ލިބިގަންނަ މީހުންނަށް އެކަށީގެންވާ މިންވަރަށް ޚިދްމަތްދެވޭ ގޮތަށް އެތަނުގެ ޚިދްމަތްތައް ތަރައްޤީކުރެއްވުމަށް އެހޮސްޕިޓަލުން ގެންދަވަނީ ތަފާތު އެކި މަޝްރޫޢުތައް ހިންގަވަމުންނެވެ. އެހޮސްޕިޓަލުގެ ރޭޑިއޯލޮޖީ ޑިޕާޓްމަންޓަކީ ޒަމާނީ ފެންވަރުގެ ޚިދްމަތް ލިބޭ ތަނަކަށް ހެއްދެވުމަށް ހިންގަވާ މަޝްރޫޢު މީގެތެރެއިން ފާހަގަކޮށްލެވެއެވެ.

މިމަޝްރޫޢުގެ ދަށުން އައި.ޖީ.އެޗްގެ ރޭޑިއޯލޮޖީ ޑިޕާޓްމަންޓްގައި މީގެކުރިން ބޭނުންކުރައްވަމުން ގެންދެވި އެކްސްރޭނަގާ ދެ މެޝިނުގެ ތެރެއިން އެއްމެޝިން ނަގާ، އޭގެ ބަދަލުގައި، އެތަނުގައި ފުލީ މޮޓޯރައިޒްޑް ޑިޖިޓަލް އެކްސްރޭ މެޝިނެއް މިހާރު ވަނީ އިންސްޓޯލް ކުރައްވާފައެވެ.

މި މެޝިނުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި، ބަލިމީހާ އެއްވެސް ޙަރަކާތެއް ނުކުރުވައި މެޝިން ރިމޯޓުން ޙަރަކާތްކުރުވައިގެން އެކްސްރޭ ނެގެއެވެ. ބަލިމީހާ ހުރީ ކޮޅަށްކަމަށްވިޔަސް އަދި އިށީނދެ އިންކަމަށްވިޔަސް ނޫނީ އެނދެއްގައި ބާއްވާފައި އޮތްނަމަވެސް އޭނާ ނުގުޑުވައި، މެޝިން ޕްރޮގްރާމްކޮށް، އޮޓޯ ޓްރެކްކުރުމުން ފައިސޭހަކަމާއެކު އަދި މަދުވަގުތުކޮޅެއްގެ ތެރޭގައި މި މެޝިނުން އެކްސްރޭ ނެގެއެވެ. ގުޅާލެވިފައިވާ ޑިޓެކްޓަރެއްގެ އެހީގައި މެޝިން އޮޕަރޭޓް ކުރަނީ ވައިފައި ބޭނުންކޮށްގެންނެވެ.

އައި.ޖީ.އެމް އެޗުން ވިދާޅުވާ ގޮތުގައި އެކްސްރޭ ރޫމަށް ސްޓްރެޗަރގައި ގެންނަ ބަލިމީހުންގެ އެކްސްރޭ ނަގަން ސްޓެޗަރއިން ނަގައި އެކްސްރޭ މެޝިންގައިވާ ޚާއްޞަ ޓޭބަލަށް ކުރިން ބަދަލުކުރަން ޖެހުނުނަމަވެސް،އާ މެޝިނުން ބަލިމީހާ އެއޮންނަ ސްޓްރެޗަރގައި ބާއްވައިގެން އެކްސްރޭ ނެގޭނެއެވެ. އަދި ބަލިޙާލު ހުންނަ ގޮތުން ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނާއި، ހަށިގަނޑުގެ އެކި ގުނަވަންތައް މަސައްކަތް ކުރުން ހުއްޓިފައިވާ މީހުންނަށްވެސް އެއްވެސް ތަކްލީފެއް އުފުލުމެއް ނެތި އެކްސްރޭ ނެގުމުގެ ޚިދްމަތް ފޯރުކޮށްދެވޭނޭކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

އެމެރިކާގެ ކެއަރ ސްޓްރީމް ކުންފުނީގައި އުފައްދާފައިވާ މިމެޝިނަކީ ރާއްޖޭގައި މިހާތަނަށް އިންސްޓޯލްކުރި މިފަދަ ފުރަތަމަ މެޝިނެވެ. މި މެޝިން އިންސްޓޯލް ކުރެއްވުމަށް އައި.ޖީ.އެމް އެޗުން ވަނީ، 6.04 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައެވެ.

އައި.ޖީ.އެމް.އެޗްގެ މީޑިއާ ކޯޑިނޭޓަރ ޒީނަތު ޙަބީބު ވިދާޅުވީ، ފުލީ މޮޓޯރައިޒްޑް ޑިޖިޓަލް އެކްސްރޭ މެޝިން ބޭނުންކުރައްވައިގެން އެކްސްރޭގެ ޚިދުމަތް ފެއްޓެވުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ކުރައްވާފައިވާކަމަށެވެ. މީގެ ސަބަބުން އެކްސްރޭގެ ޚިދްމަތް ދިނުމުގައި ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

"އައި.ޖީ.އެމް.އެޗަށް ޑޮކްޓަރަށް ދައްކާ ބަލި މީހުންގެ ތެރެއިން، 80 އިން ސައްތަ މީހުންނަކީ، އެކްސްރޭގެ ޚިދްމަތް ހޯއްދަވާ މީހުން. ދުވާލެއްގެ މައްޗަށް 800 އާއި 1000 އާއި  ދެމެދުގެ އަދަދެއްގެ އެކްސްރޭ މިހާރުވެސް ،އެބަ ނަގާ. މިހާރު މި ޤާއިމް ކުރެވިފައިވާ ފުލީ އޮތޮރައިޒްޑް ޑިޖިޓަލް އެކްސްރޭ މެޝިނުން މިއަދު އެކްސްރޭ ނަގަން ފެށުމުން،މިހާރު އެކްސްރޭ ނެގުމަށް ހޭދަކުރާ ވަގުތު ކުޑަވެ،އެކްސްރޭގެ ޚިދްމަތްދެވޭ މިންވަރު އެތައް ގުނައެއް އިތުރުވެގެންދާނެ" އައި.ޖީ.އެމް.އެޗުގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވިއެވެ.

މިއަދު ހެދުނުން ފެށިގެން، އޯ.ޕީ.ޑީއަށް ދައްކާ ބަލި މީހުންނާއި އެމަޖެންސީކޮށް ގެންނަ މީހުންގެ އިތުރުން، އެޑްމިޓްކުރެވިފައިވާ ތިބޭ ބަލި މީހުންގެ އެކްސްރޭވެސް މި މެޝިނުން ނެގޭނެކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ.