ޚަބަރު

ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި މާދަމާ ބާއްވަން ނިންމައިފި


ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ޖަނާޒާ މާދަމާ މެލޭޝިޔާގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ހަށިގަނޑު ރާއްޖެގެނައުމަށް އާއިލާއިން މަސައްކަތް ކުރިނަމަވެސް މެލޭޝިޔާގެ އުޞޫލުތައް އޮންނަގޮތުން އެޤައުމުން ބޭރަށް ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ ޢާއިލާއިންވަނީ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް ނިންމަވާފައެވެ.

މެލޭޝިޔާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޝެއިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އާއިލާއިން ވިދާޅުވީ ޝައިޚުގެ މައްޗަށްކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައިމަށާއި، މޫނު ދެއްކުން އޮންނާނީ 11:00 އިން 12:30އަށް ކަމަށެވެ. އަދި ޝައިޚް ފަރީދު ވަޅުލުމަށް ހަމަޖެހިފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައިކަމަށެވެ.

އުމުރުފުޅުން 53 އަހަރުގައި ޝައިޚް ފަރީދު އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައިި އިއްޔެ މެލޭޝިއާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.