ޚަބަރު

ޞަދަގާތް ފައުންޑޭޝަނުން މިނިވަންދުވަހު ޚާއްޞަ ޙަރަކާތެއް ހިންގަނީ


ރާއްޖޭގެ 51 ވަނަ މިނިވަންދުވަހާ ގުޅުވައިގެން ޢާއިލާތަކަށް އެކުގައި މިނިވަންކަމާއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ޞަދަޤާތް ފައުންޑޭޝަންގެ ފަރާތުން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މިމަހުގެ 29 ވަނަ ދުވަހު ދެދަންފަޅިއަކަށް ބަހާލައިގެން ރަސްފަންނުގައި ކުރިއަށްގެންދާ  ޙަރަކާތްތަކުގެ ތެރޭގައި ހެނދުނު ސަޔާއި، ހަވީރާއި ރޭގަނޑު ވެސް ޢާއިލާތަކަށް ޚާއްޞަކޮށްގެން ޙަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަމަށް ޞަދަގާތް ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ.

އެގޮތުން ހެނދުނު ކުރިއަށް ގެންދާ ހަވީރު ސައިގެ ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ވަނަ ދުވަހުގެ ހެނދުނު ހަތަކުން ދިހައަކަށްކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

މިޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓިކެޓް ވިއްކައިގެން ކަމަށާއި، މިޙަރަކާތުން ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ފައުންޑޭޝަނުން ހިންގާ އެހީގެ ޙަރަކާތްތަކަށް ކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ. އަދި 29 ވަނަ ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު 12 އަށް ފެމިލީ ފަންގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތްތަކަކީ ޢާންމުކޮށް އެންމެންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ޙަރަކާތެއް ކަމަށްވެސް އެ ފަރާތުން މަޢުލޫމާތުދެއެވެ.

އެ ފައުންޑޭޝަނުން ބުނީ މިނިވަންދުވަހާ ގުޅުވައިގެން މިފަދަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ މިނިވަންކަމާއެކު ޢާއިލާތަށް އެކުގައި އުފާވެރިކަމާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމަށެވެ.

ޞަދަޤާތް ފައުންޑޭޝަނުން ދަނީ އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކި ޙަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އިޖްތިމާޢީ އެކިއެކި މަސައްކަތައް އެ ފައުންޑޭޝަނުން ރާވައި އިންތިޒާމްކުރެއެވެ.