ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެއްޖެއެވެ.
ޝައިޚް ފަރީދު އަވަހާރަވެފައިވަނީ ދީނީ ދައުވަތުގެ މަސައްކަތެއްގައިި މިއަދު މެލޭޝިއާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. ޝައިޚް ފަރީދާ އެއް ފްލައިޓަކުން މެލޭޝިޔާއަށް ދަތުރުކުރި ފަރާތަކުން ކިޔައިދިން ގޮތުގައި ފްލައިޓް ތެރޭގައިވެސް އެކުދައި ވަޑައިގެންނެވި މީހުންނާއެކު ޝައިޚް ފަރީދު އުފާވެރިކަމާއެކު ވާހަކަދައްކައިހެދިއެވެ. އެއަށްފަހު ފްލައިޓުން ފައިބައިގެން އިމިގްރޭޝަން ކައުންޓަރަށް ދަނިކޮށް ވެއްޓިވަޑައިގަތުމުން ވަގުތުން އަވަސް ފަރުވާ ދިންކަމަށާއި އޭރުވެސް ޚަބަރު ހުސްވެފައިވާކަމަށް އޭނާ ކިޔައިދިނެވެ.
ޝައިޚް ފަރީދުއަކީ ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުންގެ ހޭލުންތެރިކުރުމަށް ތަފާތު ގިނަ ގުނަ ދަރުސްތަކެއް ޝައިޚް ވަނީ ދެއްވާފައެވެ. ޝައިޚް ފަރީދުގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބުނު އަދި އެދަރުސްތައް ގިނަ ބަޔަކު އަޑުއަހައި އެއަށް އަމަލުކުރި ދަރުސްތަކެކެވެ. އަދި މިއަދާ ހަމައަށްވެސް ޝައިޚް ފަރީދު ދެމިހުންނެވީ އެމަސައްކަތުގައެވެ.
ޝައިޚު ފަރީދު އިސްލާމީ ދަޢުވަތުގެ މައިދާނުން ފާހަގަކުރެވެން ފެށީ ރާއްޖޭގައި ދީނީ ކަންކަމަށް ހޭލުންތެރިކުރުމުގެ ކަންކަން ވަކި މިންވަރެއްގައި ހިފެހެއްޓިފައިއޮތް ދަނޑިވަޅެއްގައި، ކެރިގެން ނިކުމެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. އަދި އޭގެ ސަބަބުން ތަފާތު ހާލަތްތަކުގައި ބަންދުގައިވެސް ހުންނަންޖެހިވަޑައިގަތެވެ.
ޝައިޚް ފަރީދު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅޫތަކާއި ރާއްޖެއިން ބޭރުގައިވެސް ދީނީ ކަންކަމާއި އިސްލާމީ އުންމަތުގެ ހިމާޔަތުގައި ތަފާތު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
ދީނީ ދައުވަތުގެ ހަރަކާތެއްގައި ވައިވެރިވެވަޑައިގެންނެވުމަށް މެލޭ ޝިޔާއަށް ވަޑައިގެންނެވިއިރު، އަންނަ މަހުގެ ބައެއް ދަރުސްތައް ބޭއްވުމަށް ޝައިޚްވަނީ ދެއްވާފައެވެ.
ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު އަވަހާރަވި ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމައާއެެކުގައެވެ. މާތް ﷲ ޝައިޚަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން. ވަކިވެގެން އެދިޔައީ ގާތް އަޚެކެވެ. pic.twitter.com/WGbf8uS3zW
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 9, 2025
ޝައިޚް އިބްރާހީމް ފަރީދު އަވަހާރވުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞައީދު ވިދާޅުވީ ޝައިޚު އިބްރާހީމް ފަރީދު އަވަހާރަވި ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމައާއެެކުގައިކަމަށާއި، ޝައިޚު ވަކިވެދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ދެރައެއްކަމަށެވެ. އަދި ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޛެއްކަމަށާއި، އެއީ ޚިދުމަތްތެރި ޝަޚްޞިއްޔަތެއްކަމަށެވެ. މީގެ އިތުރުން ޝައިޚަކީ ވަރަށް ބޮޑު ޤުރުބާނީތަކެއްވެ ވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި ވަޒީރު ވަނީ މާތް ﷲ ޝައިޚަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެެރި ނިޢުމަތް މިންވަރު ކުރެއްވުމަށް ދުޢާކުރައްވާފައެވެ.
ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެވުޒާރާއިން ވިދާޅުވީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެއްކަމަށެވެ.
ޝައިޚް ފަރީދުއަކީ މަޢުހަދުލްދިރާސާތިލް އިސްލާމިއްޔާގެ އިސްދަރިވަރެކެވެ. އަދި މަޢުހަދުގެ މުދައްރިސެއްގެ މަޤާމުގައި 17 އޯގަސްޓް 1997 ން 8 ޖޫން 2002 އަށް ޚިދުމަތް ކުރައްވާފައިވެއެވެ. ޝައިޚް ފަރީދު އަވާހާރަވުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި، ސިޔާސީ ލީޑަރުންވެސް ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.