އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސިންގަޕޫރާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކީ ޓީމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑާވިންގެ ޓެރެޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ. އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން ސިންގަޕޫރު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ރިޒޭއެވެ.
ޑާވިންގައި ކުރިއަށްދާ ފަރިތަކުރުންތަކުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ރިޒޭ ބުނީ ސިންގަޕޫރު މެޗަކީ އިތުރަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އޭގެ ކުރިން ހަތަރު ވަރަކަށް ފަރިތަކުރުންތަކަށްފަހު އައުމާއެކު ޓީމުގެ ކުޅުންތެރިން ތިބީ ފިޓުކޮށް ކަމަށްވެސް ވަނީ ބުނެފައެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، އެ މެޗު އޮންނާނީ އަންގާރަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 11:30 ގައެވެ.