އެސްޕަނިއޯލްގެ ގޯލްކީޕަރު ޖޯން ގާސިއާ ވާދަވެރި ބާސެލޯނާއަށް ބަދަލުވާން އުޅޭތީވެ، އެކަން ވިޔަ ނުދޭން އޭނާގެ ކުލަބުން މަސައްކަތް ފަށައިފި އެވެ.
އެސްޕަނިޔޯލް އާއި ބާސެލޯނާ އަކީ ވަރަށް ވާދަވެރި ދެ ޓީމެވެ. މިހެންވެ ގާސިއާ ބާސެލޯނާ އަށް ދޫކުރަން އެ ކުލަބުން ބޭނުމެއްނުވެ އެވެ.
އެ ކުލަބުގެ ސީއީއޯ މާއޯ ޔެވޫ ވިދާޅުވީ ގާސިއާ އަށް ބާސެލޯނާ އަށް ދެވެން އޮންނާނީ އެންމެ ގޮތަކަށް ކަމަށެވެ.
"އެއީ އޭނާގެ ކޮންޓްރެކްޓްގައިވާ ރިލީޒް ކްލޯސް އެކްޓިވޭޓް ކުރުން. އެކަން ކުރަން ޖެހޭ ގޮތް ކުލަބުތަކަށް އެނގެންވާނެ. އަހަރުމެން އެއްވެސް ބަޔަކަށް ކިޔަވައިދޭކަށް ނުޖެހޭނެ،" ސީއީއޯ ބުންޏެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ ސީޒަނުގައި އެސްޕަނިޔޯލްގައި އެންމެ މޮޅަށް ކުޅުނު ކުޅުންތެރިޔާގެ ރިލީޒް ކްލޯޒް އެކްޓިވޭޓް ކުރުމުގެ ވިސްނުމެއް އެ ކުލަބުން ނުގެންގުޅޭ ކަމަށެވެ. ރިލީޒް ކްލޯޒް އެކްޓިވޭޓް ކުރުމަކީ ކޮންޓްރެކްޓްގައި ކުޅުންތެރިޔާ ވިއްކާނެ ކަމަށް ބުނެފައިވާ އަގު ކުޅުންތެރިޔާ ކުލަބަށް ދައްކައި އަމިއްލަ އަށް ކޮންޓްރެކްޓް ގަތުން ނުވަތަ އެހެން ކުލަބަކުން އެ އަގު އަދާ ކުރަން ނިންމުމެވެ. އެސްޕަނިޔޯލް އިން ނިންމާފައިވަނީ ގާސިއާ ވިއްކުމަށް 25 މިލިއަން ޔޫރޯ އެވެ.
"މިހާތަނަށް އެއްވެސް ކުލަބަކުން އޭނާއާ ބެހޭ ގޮތުން ރަސްމީކޮށް ވާހަކަ އެއް ނުދައްކާ. އެހެންވީމާ އަހަރުމެން ވެސް ދެކެނީ އޭނާ އަކީ އަހަރުމެންގެ ކުޅުންތެރިއެއް ކަމަށް. ކޮންމެ މީހެއްގެ އަމިއްލަ ވިސްނުތަކަކާއި އަމިއްލަ ޝައުގުވެރި ކަންކަން ހުރެދާނެ. އެކަމަކު ސޮއިކޮށްފައިވާ އެގްރީމަންޓެއް އޮތް ނަމަ އެކަމަށް އިހްތިރާމް ކުރަންވާނެ. އަހަރުމެން އޭނާ ދޫކޮށްލާކަށް ބޭނުމެއްނޫން،" ސީއީއޯ ވިދާޅުވި އެވެ.
ބާސެލޯނާއިން މަސައްކަތް ކުރަނީ މި ހަފުތާގައި ގާސިއާ ލައްވައި އެ ކުލަބަށް ސޮއި ކުރުވާށެވެ. ބާސެލޯނާ އަށް ބަދަލުވާން ކުޅުންތެރިޔާ އާއި އޭނާގެ އެޖެންޓް ވެސް ބޭނުންވެ އެވެ. މިހެންވެ އެސްޕަނިޔޯލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ގަތުމަށް ކުޅުންތެރިޔާ ނިންމައިފިނަމަ އެ ކުލަބަށް އެކަން ނުކޮށްދީ ހެދޭނެ މާގިނަ ގޮތްތަކެއް އޮންނާނެ ކަމަށް ނުބެލެވެ އެވެ. ގާސިއާ އަކީ ބާސެލޯނާގެ އިތުރުން އިނގިރޭސި ލީގުގެ ޓީމުތަކުން ޝައުގުވެރިވާ ކުޅުންތެރި އެކެވެ.