ރިމާންޑު ސެންޓަރުތަކަށް މިހާރުވެސް 200 އެއްހާ މީހުން ނެގުމަށްފަހު އެމީހުންގެ ފަރުވާ މިހާރު ފަށާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.
ރިމާންޑް ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރީޢަތަށް ބަންދުގައި ބަހައްޓާއިރު ބައިތިއްބާ ފެސިލިޓީއެކެވެ. އެއީ، ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދޭ ފެސިލިޓީއެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނެޝަނަލް ޑްރަގް އެޖެންސީގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ ރިމާންޑަށް ގެނެވޭ ގިނަ މީހުން ޑްރަގް ކޯޓު މެދުވެރިކޮށް ރިހެބިލިޓޭޝަން ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވައްދާފައިވާކަމަށެވެ. އަދި ފަރުވާއަށް ނުވެއްދި ވަނީ ވަރަށް މަދު ބައެއް ކަމަށާއި އެއީ ކްރިމިނަލް ކޯޓުގައި މައްސަލައެއް އޮތުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މައްސަލަތައް ނިމުމުން އެ މީހުންގެ ފަރުވާވެސް ފެށޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ރިމާންޑް ސެންޓަރުތަކުގައި ގާތްގަނޑަކަށް 178 މީހުން ފަރުވާ ހޯދަމުންދާ ކަމަށް ވިދާޅުވިއެވެ.
"ރިމާންޑްގެ ފަރުވާއަށް ނެގުނު ގިނަ މީހުން ވަނީ ރިހެބިލިޓޭޝަންގެ ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވެއްދިފައި، އޭގެ މާނައަކީ ޑްރަގު ކޯޓު މެދުވެރިކޮށް ފަރުވާއަށް ހުކުމް ކުރެވިފައޭ ވަނީ." ނެޝަނަލް ޑްރަގް އެޖެންސީގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވިއެވެ.
އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންކަން ފާހަގަކުރައްވާ ލުބުނާ ވިދާޅުވީ ކުޑަކުދިން އުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެ މީހުންވެސް ރިމާންޑަށް ނެގުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި މިފަދަ ކޯލްތައް މާލެ ސަރަޙައްދުންނާއި އަތޮޅުތެރެއިން ވެސް ވަރަށް ގިނައިން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ލުބުނާ ވިދާޅުވީ ހިންމަފުށި ރިހެބްގައި ހުންނަ ޑިޓޮކްްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެއާއެކު އެތަނުގެ ޖާގަ އިތުރުވެ އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެކަމަށާއި އެތަނުގެ މަސައްކަތް މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ. މީގެއިތުރުން ރިމާންޑް ސެންޓަރެއް ހިންގުމަށް ހުޅުމާލެއިން 4 ފަންގިފިލާގެ އިމާރާތެއް ތައްޔާރު ކުރަމުންދާކަމަށާއި އެތަނުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ފަރުވާ ދެވޭނެކަމަށެވެ.
ލުބުނާ ވިދާޅުވީ ކުރިން ރާއްޖެއިން 7 ވަތްތަރެއްގެ މަސްތުވާތަކެތި ޓެސްޓު ކުރެވުނުނަމަވެސް މިހާރު ޓެސްޓުކުރެވޭ ނިސްބަތް އިތުރުކޮށް 22 ބާވަތެއްގެ މަސްތުވާތަކެތި މިހާރު ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.