ކުޅިވަރު

ވީއޭއެމް ކަލަންޑަރަށް ބަދަލުތަކެއް، ވީއޭއެމް ކަޕް ފަށާނީ މި މަހުގެ 24 ގައި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން މި ހިނގާ ޖޫން މަހާއި، އަންނަ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގެ ތާރީޚަށް ބަދަލު ގެނެސްފިއެވެ.

މިކަން ހާމަކޮށް ވީއޭއެމް ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފަވަނީ މިހާރު ހަމަޖެހިފައިވާގޮތުން އެއެސޯސިއޭޝަނުން ކުރިއަށްގެންދަން ރާވާފައިވާ ވީއޭއެމް ކަޕު ބާއްވާނެ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަސްކަމަށެވެ. މީގެ އިތުރުން ނެޝަނަލް ޗެމްޕިއަންޝިޕުގެ ފައިނަލު މެޗު ޖުލައިމަހުގެ 14 ވަނަ ދުވަހަށްވަނީ ތާވަލުކޮށްފައެވެ.

ވީއޭއެމްއިން ނެރެފައިވާ ސަރކިއުލާގައިވާގޮތުން ކާވާ މެންސް ޗެމްޕިއަންސް ލީގު ފެށޭނީ މިއަންނަ ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެމުބާރާތުގެ ފައިނަލު މެޗު ތާވަލުކޮށްފަވަނީ ޖުލައިމަހުގެ 23ވަނަ ދުވަހަށެވެ.

ވީއޭއެމްއިން މިހިނގާ ޖޫން އަދި ކުރިއަށް އޮތް ޖުލައިމަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގެ ތެރޭގައި ވީއޭއެމް ކަޕުގެ އިތުރުން، ނެޝަނަލް ލީގާއި، ނެޝަނަލް ޗެމްޕިއަންޝިޕުގެ އިތުރުން ކާވާ މެންސް ޗެމްޕިއަންސް ލީގު ހިމެނެއެވެ. އަދި މިމުބާރާތްތަކުގެ ތާވަލު ދެދުވަހެއްގެ ތެރޭގައި އާންމުކުރާނެކަމަށް ވީއޭއެމްއިން ނެރެފައިވާ ސާރކިއުލާގައި ބުނެފަވެއެވެ.

މިމަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވީއޭއެމް ކަޕުގައި ބައިވެރިވާ ޓީމުތަކަށް އިންޑޯ ހޯލުގައި ފަރިތަކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މާލޭގައި ހުންނަ ދެ އިންޑޯ ހޯލު ޓީމުތަކަށް ހޯދައިދިނުމުގެ މަސައްކަތް ވީއޭއެމްއިން މިހާރު ވަނީ ފަށާފައެވެ. މިގޮތުން މިމަސައްކަތުގައި ކުޅިވަރު ވުޒާރާގެ ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށް ވީއޭއެމްއިންވަނީ ފާހަގަކޮށްފައެވެ.

ވީއޭއެމްއިން ޖޫން އަދި ޖުލައިމަހަށް ތާވަލުކޮށްފައިވާ މުބާރާތްތައް ކުރިއަށްގެންދާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައެވެ. ސޯޝަލް ސެންޓަރުގައި ޖޫން 12 އިން 15 އަށް 16 އަހަރުން ދަށުގެ ބައިނަލްއަގްމާވީ ބާސްކެޓްބޯޅަ މުބާރާތެއް ކުޅުމަށް ވަނީ ދޫކޮށްފައެވެ.