ކުޅިވަރު

ކިސްއަށް ވިކްޓްރީއަށް ރަގަނޅު ހިސާބަކަށް ގެންދެވިދާނެ - ނަޒީމް


ވިކްޓްރީގެ މިހާރުގެ އަމާޒަކީ ސީޒަންގައި ރެލިގޭޑްނުވެ ދެމިއުތުންކަމަށް ވިކްޓަރީގެ ބޯޑު މެންބަރު އިބްރާހިމް ނަޒީމް ވިދާޅުވެއްޖެއެވެ. މިއަދު ސަލްސާ ރެސްޓޯރަންޓްގައި އެޓީމްއަށް އަލަށް ގެނައި ކޯޗް ލާޒްލޯ ކިސްއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނަޒީމް ވިދާޅުވީ  ލީގް ކާމިޔާބު ކުރުމަކީ މިވަގުތަށް ބަލާއިރު ވުމަށް ވުރެއް ނުވުން ކައިރިކަމެއްކަމަށެވެ. 

ނަޒީމް ވިދާޅުވީ ޓީމް އޮތް ހާލަތަށް ބާލާފަ، މިހާރު ވިކްޓްރީގެ ބޯޑުން ނިންމާފައިވަނީ މިއަހަރު ލީގްގައި ދެމިއޮތުމަށްކަމަށާ އަދި މިއަންނަ އަހަރު މިއަަށްވުރެއް ޓީމް ރަނގަޅު ކުރުމަށްކަމަށެވެ. ވިކްޓްރީގެ ކޯޗްކަމުން މުހައްމަދު ނަޒީޙު އިސްތިއުފާ ދިނުމާ ގުޅިގެން އެޓީމްގެ ކޯޗްއަަކަށް ހަމަޖައްސާފައިވަނީ ހަންގޭރީގެ ލާޒްލޯ ކިސްއެވެ. ނަޒީމްބުނީ ކިސްއަކީ ރާއްޖެއަށް އާ ކޯޗެއް ނޫންކަމަށާ އަދި ރާއްޖޭގެ ޓީމްތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗްއެއްކަމަށެވެ. އަދި ކިސްއާއެކު ލީގްގައި ރަނގަޅު ހިސާބަކަށް ދެވޭނެކަމަށް އުއްމީދު ކުރާކަމަށް ނަޒީމް ވިދާޅުވިއެވެ.

ވިކްޓްރީއާއެކު ސޮއިކުރުމަށްފަހު ކިސްބުނީ ވިކްޓްރީއަކީ ރާއްޖޭގެ ބޮޑު ތާރީހެއް އޮތް ޓީމެއްްކަށާ މިޓީމާއެކުވެސް ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމަށެވެ. ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ކިސްއަކީ ކާކުކަން އެނގޭނެކަމަށާ އަދި ބުރަ މަސައްކަތުން ހާސިލް ނުވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ވިކްޓްރީއަށް އަލަށް ހަމަޖެއްސި ކޯޗް ކިސްބުންޏެވެ.

މިރަސްމިއްޔާތަށްފަހު ވިކްޓްރީ ސްޕޯޓްސް ކުލަބާ އަލަށް ގުޅުނު ފަރުހާދު އިސްމާޢީލްއާއެކުވެސް ވަނީ އެގްރީމެންޓްގައި ސޮއިކޮށްފައެވެ. ފަރުހާދު ވިކްޓްރީއާއި ގުޅިފައިވަނީ މިސީޒަންގެ ނިޔަލަށެވެ. އަދި ނިއުއިން ސަސްޕެންޑްކޮށްފައިވާ ރިލްވާން ވަހީދުވެސް ވިކްޓްރީ ސްޕޯޓްސް ޓީމާ ގުޅުމަށް ކުރަންޖެހޭ ކަންތަށް މިހާރު ފުރިހަމަ ކުރަމުންދާކަމަށް ވިކްޓްރީންއިން މަޢުލުމާތުދިނެވެ.