ކުޅިވަރު

"ރާރާ ޕްރޯ" ކައިޓް ސާރފިންގ މުބާރާތުގެ އެމްބެސެޑަރަކަށް ރާއިފް


އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކުރާ "ރާރާ ޕްރޯ" ކައިޓް ސާރފިންގ އިވެންޓުގެ އެމްބެސެޑަރަކަށް މުހަންމަދު ރާއިފް ޝަނީޒް (ރާއިއްޕެ) ހަމަޖައްސައިފިއެވެ.

ކައިޓް ބޯޑިންގއިން ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ޒުވާން އެތުލީޓު މިމަގާމަށް ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ "ރާރާ ޕްރޯ" ކައިޓް ސާރފިންގ މުބާރާތުގެ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން އައިކޯނިކް އިވެންޓްސްގެ ފައުންޑަރ ހަސަން ރަޝީދު (ރަޝް) ބުނީ މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ކުރިއަށްދާނެ މުބާރާތެއްކަމަށާ، ކޮންމެ މުބާރާތަކަށްވެސް ވަކިން ޚާއްސަ އެމްބެސެޑަރެއް ކަނޑައެޅޭނެކަމަށެވެ. އެގޮތުން އަންނަމަހު ބޭއްވުމަށް ތާވަލުކޮށްފައިވާ "ރާރާ ޕްރޯ" ކައިޓް ސާރފިންގ މުބާރާތުގެ އިވެންޓު އެމްބެސެޑަރަކަށް ހަމަޖައްސާފައި ވަނީ އުމުރުން 19 އަހަރުގެ އުންމީދީ އެތުލީޓުކަމަށް ރަޝް ވަނީ ބުނެފައެވެ.

"ރާއިފް މިއަހަރު އަޅުގަނޑުމެންގެ އިވެންޓް އެމްބެސެޑަރަކަށް ހަމަޖައްސާފަ މިވަނީ، ވަރަށް ގިނަ އިވެންޓުތަކުގެ ޕޯޑިއަމް ނަގާފަހުރި. ބ.ގޮއިދޫ އުމުރުން 19 އަހަރުގެ ޔަންގު އެތުލީޓެއް. އަޅުގަނޑުމެން ވިސްނީ ކޮންމެ އަހަރަކުވެސް ހަމަ މި އިވެންޓަށް އެމްބެސެޑަރެއް ނަގަން. އިވެންޓުގެ ފޭސް އެއީ ކޮންމެ އަހަރަކުވެސް ހަމަ" ރަޝް ބުންޏެވެ.

ކުރިއަށް އޮތް ޖުލައި މަހުގެ 10-12 އަށް ކ. ދިއްފުށީގަ ބޭއްވުމަށް ހަމަޖެހިފައިވާ "ރާރާ ޕްރޯ" ކައިޓް ސާރފިންގ މުބާރާތާ ގުޅޭގޮތުން އެމުބާރާތުގެ އެމްބެސެޑަރ ރާއިފް ބުނީ މިމުބާރާތަކީ މޫދު ކުޅިވަރުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. މިފަދަ މުބާރާތެއް ނުބޭއްވި ދިގުލައިގެން ގޮސްފައިވުމާއެކު މޫދު ކުޅިވަރު ކުޅޭ ފަރާތްތަކުން މާޔޫސްވެފައި ވަނިކޮށް "ރާރާ ޕްރޯ" އިއުލާންކުރުމަކީ އެންމެންނަށްވެސް ލިބުނު ހިތްހަމަޖެހުމެއްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އެތުލީޓުންނަށް ވަރަށް ރަނގަޅު ޗާންސެއް މިލިބުނީ. މިއަހަރު އަނެއްހެން އެއްވެސް މުބާރާތެއް ނެތް ޕްލޭންކުރެވިފަ. އަޅުގަނޑުމެންނަކަށް އެނގިފަކާއެއް. އަސްލު ވަރަށް ދެރަވެފަހުރީ މިފަހަރު މުބާރާތެއް ނެތީމަ. އެކަމަކު "ރާރާ ޕްރޯ" އިއުލާންކުރި ހިސާބުން އަނެއްކާ ހޯޕެއް ލިބިއްޖެ. މިހާރު އަނެއްކާ މުބާރާތެއް ހުރިހާ އެތުލީޓުންނަށް ކޮމްޕީޓުކުރަން ލިބޭތީ ވަރަށް އުފާވި" އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކުރާ ފުރަތަމަ ކައިޓް ސާރފިންގ މުބާރާތުގެ އެމްބެސެޑަރު ރާއިފް ބުންޏެވެ.

ނޫސްވެރިންނާ ވަހަކަދައްކަމުން ރާއިފް ބުނީ މިމުބާރާތް ބާއްވާ ކ. ދިއްފުއްޓަކީ މިފަދަ މުބާރާތެއް ބޭއްވުމަށް ވަރަށް ރަނގަޅު މަންޒިލެއްކަމަށެވެ. މުބާރާތް ބާއްވާ ސްޕޮޓަކީވެސް ރީތިތަނެއްކަމަށާ، އެރަށަކީ ލޯކަލް ޓޫރިޒަމަށްވެސް ފައްކާވަމުން އަންނަ ރަށަކަށްވުމުން، ފަތުރުވެރިންގެ މެދުގައި ދިއްފުށި އިތުރަށް އިޝްތިހާރުކުރުމަށްވެސް މިއީ ލިިބިގެންދާނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާވަނީ ސިފަކޮށްފައެވެ.

ރާއިފް ބުނީ މިމުބާރާތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އޭނާ މަސައްކަތްކުރަމުންދާކަމަށެވެ. އުންމީދަކީ ފުރުސަތުގެ ބޭނުންހިފާ ޕޯޑިއަމް ފިނިޝްއެއް ހޯދުންކަމަށް ކައިޓް ސާރފިންގައި ގިނަ ކާމިޔާބީތަކެއް މިހާރުވެސް ހޯދާފައިވާ ޒުވާނާ ބުންޏެވެ.

"އަޅުގަނޑަށްވެސް ވަރަށް ރަނގަޅު ޗާންސެއް މިލިބުނީ. އަނެއްކާ ޕޯޑިއަމެއް ނަގަން. ވަރަށް މަސައްކަތްކުރާނަން. އައި ވިލް ޑޫ މައި ބެސްޓު" ރާއިފް ބުނެފަވެއެވެ.

"ރާރާ ޕްރޯ" ކައިޓް ސާރފިންގ މުބާރާތުގައި ކޮންމެ ދުވަހަކުވެސް ހަތަރު ރޭހެއް ކުރިއަށްދާނެއެވެ. އެގޮތުން މިމުބާރާތުގެ ޗެމްޕިއަންކަން ލިބިގެންދާނީ އެންމެ ގިނަ ރޭސްތައް ކާމިޔާބުކުރާ ފަރާތަކަށެވެ.

މިމުބާރާތަށް އައިކޯނިކް އިވެންޓްސްއިން ރޭސް ކޮމިޓީއެއްވެސް ހަމަޖައްސާފަވާއިރު، މުބާރާތުގެ ފޯމެޓަށް ބަދަލެއް އައިސްފައިނުވާނެކަމަށް އައިކޯނިކް އިވެންޓްސްއިން މައުލޫމާތުދެއެވެ. މިއީ ޑައުންޑް ވިންޑް ސްލާލޮމް ރޭހެކެވެ. މި ރޭސް ކުރިއަށްދާނީ، ރޭސް ފެށުމަށް ހަމަޖެހިފައިވާ ޕޮއިންޓުގައި ބޮއިއެޅުމަށްފަހު ވަލުން ދުއްވާ ގޮތަށެވެ. އަދި އެންމެ އަވަހަށް ރޭސް ނިންމާ ފަރާތަކަށް އެއިވެންޓަކުން އެއްވަނަ ލިބޭނެކަމަށް އައިކޯނިކް އިވެންޓްސްއިން ވަނީ މައުލޫމާތިދީފައެވެ.