ޚަބަރު

މިއަހަރުގެ ޔޫތް ޗެލެންޖުން 1،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު


މިއަހަރުގެ ޔޫތް ޗެލެންޖުން ދިވެހި ޒުވާނުންނަށް 1،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވާލެވިގެންދާނޭ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ވިދާޅުވެއްޖެއެވެ.

ޔޫތް ޗެލެންޖް 2016 އާއިބެހޭ މަޢުލޫމާތު މީޑިއާއާ ޙިއްޞާ ކުރެއްވުމަށް މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް، ޢަލީ ޒަކީ ވިދާޅުވީ، އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޔޫތް ޗެލެންޖްގައި އެކި މުއައްސަސާތަކުންނާއި، އޮފީސްތަކާއި ކުންފުނިތަކުން ރިކޯޑް ޢަދަދަކަށް ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 63 ސްޓޯލެއް ޔޫތު ޗެލެންޖުން ފެނިގެންދާނޭ ކަމަށާއި، މީގެތެރެއިން ޒުވާނުންނަށް އެކި ދާއިރާތަކުން ވަޒީފާ ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނޭ ކަމަށް ޒަކީ ވިދާޅުވިއެވެ.

ޔޫތު ޗެލެންޖަކީ، ޒުވާނުންނަށް އެއްތަނަކުން ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމުގެ ބޭނުމުގައި 2009 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަވަމުން އަންނަ ޙަރަކާތެކެވެ. މިއަހަރުގެ ޔޫތު ޗެލެންޖް ބޭއްވެވުމަށް ހަމަޖެހިފައިވަނީ، މިއަންނަ އޮގަސްޓް މަހުގެ 4 ން 6 ށް ދަރުބާރުގޭގައެވެ.