ޚަބަރު

އެމްއޯސީގެ ރައީސްގެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި: މުންތަގިމް


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްގެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި ކަމަށް އެމްއޯސީގެ ނައިބު ރައީސް އަހުމަދު މުންތަގިމް (މުންތޭ) ބުނެފިއެވެ.

ކުރިޔަށް އޮތް ދައުރަށް ނައިބު ރައީސް ކަމަށް އިންތިހާބުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުންތަގިމް ބުނީ ނައިބު ރައީސުންގެ ވަކި ޓާގެޓެއް ނޯންނާނެ ކަމަށާއި، މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި ކަމަށެވެ.

އެމްއޯސީގެ އައު ދައުރަކަށް މުންތަގިމް އާއި އަހުމަދު އިސްމާއިލް ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައިވާއިރު ނިމިގެން ދިޔަ ދައުރުގައިވެސް ނައިބުންގެ މަގާމު ފުރީ އަހުމަދާއި މުންތަގިމްއެވެ.

އެމްއޯސީގެ ނައިބު ރައީސުންގެ ފުރިހަމަ އެއްބާރުލުން ރައީސް މުހައްމަދު އަބްދުއްސަތާރު (ޗަމްޕީ) އަށް ދޭނެ ކަމަށް މުންތަގިމް ވިދާޅުވެފައިވާއިރު އަލަށް އިންތިހާބު ކުރެވުނު ހިންގާ ކޮމިޓީން މިއަހަރު އެންމެ އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމާއި، އޮލިމްޕިކްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ އިތުރު ކުޅިވަރުތައް ކޮލިފައިވޭތޯ ބެލުން ހިމެނެއެވެ.

އަދި ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުން މަތީ ވަނަތައް ލިބޭ ފެންވަރަށް އެލީޓް އެތުލީޓް ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާ ޓްރޭނިންތައް ވަރުގަދަ ކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ހިންގުމުގައި ހުރިކަންކަން އިސްލާހު ކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

އެގޮތުން އެސޯސިއޭޝަންތަކުގެ އަހަރީ ރިޕޯޓް އެކުލަވާލުމާއި އޮޑިޓްކުރުންފަދަ ކަންކަމުގައި އެހީތެރިވެދިނުންވެސް ހިމެނެއެވެ. އަދި އެމްއޯސީން ހަދަން ޖެހޭ ކޮމިޓީތައް ހަދާ ކުޅިވަރު ވުޒާރާއަށް އެއްބާރުލުން ދިނުމާއި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހަށް އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، އެތުލީޓުންނަށް އެކަށީގެންވާ ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަކީ މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަންތައް ކަމަށް އެމްއޯސީން ބުނެއެވެ.

2025-2029 އަށް އެމްއޯސީގެ ނައިބު ރައީސް ކަމަށް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި މުންތަގިމް އިންތިހާބުކޮށްފައިވަނީ 12 ވޯޓުންނެވެ. އޭނާ އާއި ވާދަކުރި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު (މުސްތޮ) އަށް 3 ވޯޓު ލިބުނު އިރު ނައިބު ރައީސް ކަމަށް އިންތިހާބުކުރި އަހުމަދަށް ލިބުނީ 15 ވޯޓެވެ.