ޚަބަރު

ސީއެސްސީއާއި ދިވެހި ބަހުގެ އެކަޑަމީ ފަހުމުނާމާއެއްގައި ސޮއިކުރުން


ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު ތަންފީޒްކުރުމަށް ދިވެހި ބަހުގެ އެކަޑަމީން ކުރައްވާ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީއާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު ތަންފީޒްކުރެއްވުމަށް ދިވެހި ބަހުގެ އެކަޑަމީން ކުރައްވާ މަސައްކަތްތަކަށް ސިވިލް ސަރވިސް ކޮމިޝަނުން ދެއްވެން އޮތް އެއްބާރުލެއްވުމަކާއި އެހީތެރިކަން ދެއްވައި ސިވިލް ސަރވިސްގެ އިދާރާތަކުން ލިޔާ ލިޔުންތަކުގައި ބަހުގެ ޤަވާޢިދާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ދެފަރާތް ގުޅިވަޑައިގެން މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓް މެދުވެރިކުރައްވައި، ސިވިސް ސާރވިސްގެ މުވައްޒަފުންނަށް ހިންގަވާ ތަމްރީން ޕްރޮގްރާމްތަކުގައި ދިވެހި ތަމްރީން ޕޮރޮގްރާމްތައް ހިމަނުއްވައި، ދެފަރާތުން ގުޅިވަޑައިގެން ކުރު މުއްދަތުގެ ކޯސްތަކާއި ވޯކްޝޮޕްތަކާއި އަދި ސެމިނަރތައް ފަދަ ޙަރަކާތްތައް ހިންގެވުން ހިމެނެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. ޢަލީ ޝަމީމެވެ. ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ދިވެހި ބަސް ކުރިއަރުވާ، ބަހުގެ ހަމަތަކާއި ޤަވާއިދުތައް ހިފެހެއްޓެވުމަށް މި ވެވުނު އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ.

އަދި އެކޮމިޝަނުން ހިންގަވާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކުގައި ދިވެހި ބަސް ކުރިއެރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ޑރ. ޢަލީ ޝަމީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ދިވެހި ބަސް ކުރިއެރުވުމަށާއި ދިވެހި ބަހުގެ ޤަވާޢިދުތައް ހިފެހެއްޓެވުމަށް މި އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށާއި، ޤާނޫނު ތަންދޭ އެންމެ ފުޅާދާއިރާއަކަށް ސިވިލް ސާރވިސް ކޮމިޝަނަށް ދިވެހި ބަހުގެ އެކަޑަމީން އެއްބާރުލުން ދެއްވާނެ ކަމަށެވެ.