ސިއްހަތު

ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް އައި.ޖީ.އެމް.އެޗުގައި ދޭން ފަށަނީ


އައި.ޖީ.އެމް.އެޗުގައި މާދަމާއިން ފެށިގެން ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ފަށްޓަވާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި މިހާރު ޤާއިމްކުރައްވާފައިވާ ފުލީ މޮޓޯރައިޒްޑް ޑިޖިޓަލް އެކްސްރޭ މެޝިން ބޭނުންކުރައްވައިގެން މާދަމާ އެކްސްރޭގެ ޚިދުމަތް ފަށްޓަވާއިރު، މިކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ކުރައްވާފައިވާކަމަށް، އެހޮސްޕިޓަލުން ހާމަކުރައްވައެވެ. 6.04 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން، އައި.ޖީ.އެމް ހޮސްޕިޓަލުގައި އިންސްޓޯލްކުރެއްވި މި މެޝިނަކީ، ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެއްވި މިފަދަ ފުރަތަމަ މެޝިނެވެ.

އައި.ޖީ.އެމް.އެޗްގެ މީޑިއާ ކޯޑިނޭޓަރ ޒީނަތު ޙަބީބު ވިދާޅުވީ މިހާރު އެހޮސްޕިޓަލުގައި ދުވާލަކު އެވްރެޖްކޮށް 800 އާއި 1000އާ ދެމެދުގެ ޢަދަދަކަށް އެކްސްރޭ ނަގަންޖެހޭ ކަމަށާއި، މި މެޝިނުން މާދަމާ އެކްސްރޭ ނަގަން ފެށުމާއެކު އެކްސްރޭ ނެގުމަށް ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދްމަތުގެ ފެންވަރު ރަނގަޅުވެގެންދާނޭ ކަމަށެވެ.