ޚަބަރު

ޒްވެރޭވް ބަލިކޮށް ޖޮކޮވިޗް ފްރެންޗް އޯޕަންގެ ސެމީއަށް


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށް، 25 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިއާގެ ޝަރަފު ހޯދުމަށް ނޮވަކް ޖޮކޮވިޗް ކުރަމުންދާ މަސައްކަތުގައި އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.

ޖޮކޮވިޗް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޖަރުމަންގެ އެލެކްޒެންޑަރ ޒްވެރޭވް ފަހަތުން އަރާ 3-1 ސެޓުން ބަލިކޮށްގެންނެވެ.

ތިން ގަޑި އިރަށްވުރެ ދިގު ދެމިގެންދިޔަ މިމެޗު ޖޮކޮވިޗް ކާމިޔާބުކުރީ 4-6 6-3 6-2 6-4 ނެވެ. އުމުރުން 38 އަހަރުގެ ޖޮކޮވިޗް މަސައްކަތްކުރަމުން ދަނީ ޓެނިހުގެ ތާރީހުގައިވެސް 25 ގްރޭންޑް ސްލޭމް ކާމިޔާބުކުރާ ފުރަތަަމަ ކުޅުންތެރިއާގެ ޝަރަފް ހޯދުމަށެވެ.

މިއީ ޖޮކޮވިޗް ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީ ފައިނަލާއި ހަމައަށް ދަތުރުކުރި 51 ވަނަ ފަހަރެވެ. އަދި ގްރޭންޑް ސްލޭމް މުބާރާތުގެ އެންމެ ގިނަ ސެމީފައިނަލްގައި ވާދަކުރި ކުޅުންތެރިއާގެ ޝަރަފްވެސް އޮތީ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިއަ ޖޮކޮވިޗް އަތުގައެވެ.

މުބާރާތުގެ ސެމީފައިނަލްގައި ނޮވެކް ޖޮކޮވިޗް ބައްދަލުކުރާނީ ގްރޭންޑް ސްލޭމް މުބާރާތުގެ ސެމީ ފައިނަލުގައި ހަ ފަހަރު މަތިން ކުޅޭ އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާ އަދި ފްރެންޗް އޯޕަންގެ އެއްވަނަ އަށް ސީޑް ކުރެވިފައިވާ ޔަނިކް ސިނާ އާއެވެ.