ޕާކިސްތާނުގެ ބައެއްގެ ގޮތުގައި މުޅި ކަޝްމީރު ހެދުމަކީ ދުވަހަކުވެސް ޕާކިސްތާނަށް ކުރެވޭނެ ކަމެއް ނޫންކަމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖް ވިދާޅުވެއްޖެއެވެ.
ކަޝްމީރަކީ ކޮންމެވެސް ދުވަހަކުން ޕާކިސްތާނުގެ ބިމަކަށްވާނެ ކަމަށް ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ދެއްވި ބަޔާނަކަށް ރައްދު ދެއްވާ އިންޑިޔާގެ ޚާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖް ވިދާޅުވީ ކަޝްމީރުގެ ހަނގުރާމަވެރިންނަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށާ ނަމަވެސް ޕާކިސްތާނުގެ ބައެއްގެ ގޮތުގައި މުޅި ކަޝްމީރު ހެދުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ނަވާޒް ޝަރީފުގެ ބަޔާނަށް ރައްދު ދެއްވުމުގެ ގޮތުން އިންޑިޔާގެ ޚާރިޖީ ވަޒީރު ޝުޝްމާ ސްވަރާޖް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ނަވާޒް ޝަރީފުގެ ވާހަކަ ފުޅަކީ ދުވަހަކުވެސް ޢަމަލީ ސިފައެއް ނާންނާނެ ޚިޔާލީ ވާހަކަފުޅެއް ކަމަށެވެ.
އިންޑިޔާއާއި ޕާކިސްތާނާ ދެމެދުގައިވާ މައިގަނޑު އަރާރުމަކީ ކަޝްމީރުގެ މައްސަލައެވެ. ކަޝްމީރުގެ އިންޑިޔާއަށްވީ ފަޅީގެ މިނިވަންކަމަށް ގޮވާލާ ހަނގުރާމަވެރި ޖަމާޢަތްތަކަށް ޕާކިސްތާނުން އެހީތެރިވާކަމަށް އިންޑިޔާ ތުހުމަތު ކުރާއިރު، ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކަށް ޢަމަލުކުރުމަށް އިންޑިޔާ ދެކޮޅު ހަދާކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ.