ވިޔަފާރި

މީރާ މެދުވެރިކޮށް ދައުލަތަށް ލިބުން އާމްދަނީ %15.6 އިތުރުވެއްޖެ


މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހަށްވުރެ މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިވަޑައިގެންނެވި އާމްދަނީ 15.6 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކުރައްވައިފިއެވެ.

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު މީރާ މެދުވެރިކޮށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގެންނެވި އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ، ޖީ.އެސް.ޓީއިންނެވެ. އަދި 2 ވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިވަޑައިގެންނެވީ، ބީ.ޕީ.ޓީއިންނެވެ.

މީރާއިން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު، މިއަހަރުގެ ޖޫންމަހު މީރާއަށް ލިބިވަޑައިގެންނެވި އާމްދަނީ ވަނީ 21 އިންސައްތަ މައްޗަށް އަރާފައެވެ. ވޭތުވެދިޔަ ޖޫން މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގެންނެވި 57  މިލިއަން ޑޮލަރު ވެސް ހިމެނޭކަމަށް މީރާއިން ވިދާޅުވެއެވެ.

މިއީ، މިއަހަރުގެ ޖޫންމަހު ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާކުރެއްވި އަދަދަށްވުރެ 15 އިންސައްތަ ދަށް އަދަދެއް ކަމަށްވެސް މީރާއިން ވިދާޅުވެއެވެ.