ކުޅިވަރު

"ރާރާ ޕްރޯ" ކައިޓް ސާފިން މުބާރާތް ޖުލައި މަހު ދިއްފުށީގައި


"ރާރާ ޕްރޯ" ގެ ނަމުގައި ކައިޓް ސާފިން އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކުރާ މިމުބާރާތް ކުރިއަށްދާނީ ކުރިއަށް އޮތް ޖުލައި މަހުގެ 10-12 އަށް ކ. ދިއްފުށީގައެވެ.

މިމުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން އެކަން އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ފަރާތެއްކަމަށްވާ ހަސަން ރަޝީދު (ރަޝް) ބުނީ މި ހަރަކާތަކީ އައިކޯނިކް އިވެންޓްސްއިން ރާވާފަވާ ކުޅިވަރު އެޑްވެންޗަރއެއްގެ ތެރެއިން އިންތިޒާމުކުރާ ފުރަތަމަ މުބާރާތްކަމަށެވެ. "ރާރާ ޕްރޯ"ގެ ނަމުގައި ރާވާފައިވާ ހަރަކާތަކީ ސްލާލޮމް ރޭހެއްކަމަށް ރަޝްވަނީ ބުނެފައެވެ.

"ސްޕޯޓްސް އެޑްވެންޗަރ މެއިން ޓާގެޓަކަށް ވިސްނައިގެން ހަމަ އިވެންޓުތަކެއް ބާއްވަން ހަމައޭގެ އިތުރުންވެސް އިތުރުހަމަ ރިލޭޓެޑް ކުޅިވަރު އިވެންޓުތަކަކަށް ފޯކަސްކޮށްގެން އެގޮތުން އަޅުގަނޑުމެންގެ ފުރަތަމަ އިވެންޓު މިއީ. "ރާރާ ޕްރޯ"އަކީ ސްލާލޮމް ރޭހެއް" މުބާރާތާ ގުޅޭގޮތުން ރަޝް ބުންޏެވެ.

މީގެ އިތުރުން ފަތުރުވެރިންނަށް ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިޝްތިހާރުކުރުމަކީވެސް މިމުބާރާތުގެ މަގްސަދެއްކަމަށް ރަޝްފާހަގަކުރިއެވެ. މިމުބާރާތާއެކު ސްޕޯޓްސް ޓޫރިޒަމަށްވެސް އިތުރު ދޮރެއް ހުޅުވޭނެކަމަށް އައިކޯނިކް އިވެންޓްސްއިން ގަބޫލުކުރެއެވެ. މޫދުކުޅިވަރަކީވެސް މުސްތަގުބަލް އޮތް ކުޅިވަރެއްކަމަށާ، މިކުޅިވަރުން އެތުލީޓުން އުފެއްދުމާ، މޫދުކުޅިވަރު ޕްރޮމޯޓްކުރުމަކީވެސް މިމުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަންކަމަށް ރަޝްވަނީ ބުނެފައެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ބައިނަލް އަޤްވާމީ މައިދާނުގައި ދިވެހި އެތުލީޓުން މޫދުކުޅިވަރުގައި ރާއްޖެ ތަމްސީލުކުރުމަށް މަގުކޮށިގެންދާނެކަމަށް އައިކޯނިކް އިވެންޓްސްއިން ގަބޫލުކުރާކަމަށް ރަޝްވަނީ ފާހަގަކޮށްފައެވެ.

"ވަރަށް ބޮޑަށް ލޯކަލް ޓޫރިޒަމްއާވެސް ގުޅުވާލާފަ، އެއީ އަޅުގަނޑުމެންނަށް މިފެންނަނީ މިކުޅިވަރު ވަރަށް ބޮޑަށް ޓޫރިޒަމާވެސް ގުޅިގެން ދާތަން. ސްޕޯޓްސް ޓޫރިޒަމްގެ ކޮމްޕޯނެންޓު ވަރަށް ބޮޑަށް މީގެ ތެރެއަށް ގެނެސްގެން އަދި މޫދުކުޅިވަރަކީ ވަރަށް ބޮޑަށް ޕޮޓެންޝަލްއޮތް ކުޅިވަރުތަކެއްކަން ރާއްޖެއަށް ޕްރޮމޯޓްކޮށް، އެތުލީޓުން އުފައްދާ، އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން" ރަޝް ބުނެފަވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައިވެރިންނަށްވެސް ވާދަކުރެވޭނެހެން ބާއްވާ މިމުބާރާތުގައި ރަޖިސްޓަރީވުމަށް މިއަދުން ފެށިގެން ހުޅުވާލައިފާވައިރު، މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ ބާވީސްވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގައި ބައިވެރިވުމަށް މި ސަރަހައްދުގެ ބައެއް ގައުމުތަކަށްވެސް ދައުވަތުދީފާއިވާނެކަމަށާ، އެ ދައުވަތު ބައެއް ގައުމުތަކުން ބަލައިގަނެފައިވާކަމަށްވެސް ރަޝްވަނީ ފާހަގަކޮށްފައެވެ.

"ރާރާ ޕްރޯ"އަކީ ދިވެހި އެތުލީޓުން ކުރިއަރަންވެސް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް ރަޝް ބުންޏެވެ. ސަބަބަކީ ބައިނަލް އަޤްވާމީ އެތުލީޓުންނާ ވާދަކޮށް، އެފަރާތްތަކުގެ ހުނަރުތައް ދެނެގަނެ، އައު ކަންކަން ދަސްކުރުމަށް މިފުރުސަތުގެ ބޭނުން ދިވެހި އެތުލީޓުން ހިފުމަކީ އައިކޯނިކް އިވެންޓްސްއިން މިފަދަ މުބާރާތެއް އިންތިޒާމުކުރުމުގެ އެންމެ ބޮޑު އެއް މަގުސަދުކަމަށް އެފަރާތުން ބުނެފަވެއެވެ.

ދެދުވަހުގެ ނިޔަލަށް ކ. ދިއްފުށީގައި ކުރިއަށްގެންދާ މިމުބާރާތުގެ ތެރެއިން، ކުޑަކުދިންނަށް ޚާއްސަކޮށްގެން މޫދުކުޅިވަރު ދަސްކޮށްދިނުމުގެ ހަރަކާތެއްވެސް ކުރިއަށްދާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ ކައިޓް ސާރފިންގގެ އެންމެ ބޮޑު މުބާރާތަށް ހެދުމަކީ އައިކޯނިކް އިވެންޓްސްގެ އުންމީދެކެވެ.